ވިޔަފާރި

ފަތުރުވެރިކަމުގެ ސިނާއަތުގެ އައު މާސްޓަރޕްލޭން ތައާރަފްކޮށްފި


އަދުގެ ސަރުކާރުގެ ފުރަތަމަ ފަސް އަހަރުތެރޭ ފަތުރުވެރިކަމުގެ ސިނާޢަތް ބައްޓަންކުރުމަށް އެކުލަވާލާ "ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އައު މާސްޓަރޕްލޭން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްއެވެ.

ޓޫރިޒަމް މާސްޓަރ ޕްލޭނަކީ ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއްގެ ފަސް އަހަރުގެ ތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނާނެ ސިޔާސަތުތަކާއި ބަދަލުތަކާއި މިދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތަކާއި ގުޅިގެން ގެންނާނެ ހަރުދަނާ ބަދަލުތަކުގެ މައްޗަށް އެކުލަވާލާ ތަސައްވުރެކެވެ.

ސަރުކާރުން އެކުލަވާލާފައިވާ މި ޕްލޭނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް އެލުލަވާލާފައިވާއިރު އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރާވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ޤާނޫނާއި ޤަވައިދު އިތުރުކުރުކޮށް ހަރުދަނާކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް ފަތުރުވެރިކަމުގެ ދާއިރާގެ ސަލަމާތާއި ރައްކާތެރިކަން އިތުރުކުރުމާއި ފަތުރުވެރިކަމުން ލިބޭ ފައިސާއިން ރާއްޖޭގެ އިޤްތިސާދު ބިނާކުރުމަށް ކުރެވޭނެ ކަންތައްތަކާއި ރާއްޖޭގެ ޘަޤާފީ ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމާއި އަދި މި ސިނާއަތުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ހިމެނެއެވެ.

އަލަށް އެކުލަވާލި ޓޫރިޒަމް މާސްޓަރ ޕްލޭން އިފްތިތާޙުކުރައްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވީ، އައު މަސްޓަރ ޕްލޭނާއިއެކު މިހާރު މިދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ ހައްލުކުރެވިގެންދާނެކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަށް ފަސޭހަވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

" އަލަށް މިއެކުލަވާލެވޭ 5 އަހަރުގެ މާސްޓަރ ޕްލޭންގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި މިދާއިރާގައި ހުނަރުވެރި މުވައްޒަފުން ބިނާކުރުމާއި ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމާއި އަދި ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަމާޒުހިފުން މި ޕްލޭންގައި ހިމެނޭ." ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ މާސްޓަރޕްލޭން އިފްތިތާޙުކުރުމުގެ އިތުރުން މި ހަފްލާގައި ފަތުރުވެރިމުގެ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުންގެ ދަފްތަރު އިފްތިތާޙުކުރުމާއި "ވޯޓަރ ސޭފްޓީ ޕްރޮގްރާމް" އިފްތިތާޙުކުރުމާއި 2019 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށްގެންދާނެ ކަންތައްތައް އިފްތިތާޙުކުރުން ކުރިއަށްގެންގޮސްފައިވެއެވެ.

އެގޮތުން ކުރިއަށްއޮތް ހަމަސްދުވަހުގެ ތެރޭގައި މުއައްޒަފުންގެ ދަފްތަރު އެއްކޮށް ނިމި މުއައްޒަފުންނަށް ބޭނުންކުރެވޭނެއެވެ. އަދި ވޯޓަރ ސޭފްޓީ ޕްރޮގްރާމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި އަޅާނުލެވި ގިނަ ކަންތައްތަކެއް ހުރިނަމަވެސް މި ސަރުކާރުން އެ މައްސަލަތައް ހައްލުކޮށް މިދާއިރާއަށް އެދެވޭ ކާމިޔާބީތައް ގެންނާނެކަމަށެވެ. އަދި ސަރުކާރުން އެކުލަވާލާ މާސްޓަރ ޕްލޭނާއިއެކު މުއައްޒަފުންގެ ޝަކުވާތައް އަޑުއަހައި ހައްޤުތައް ރައްކާތެރިކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މާސްޓަރ ޕްލޭން ފުރިހަމަވެގެން އަންނައިރު ތިބޭފުޅުންނަށް ވަޢުދު މިވަނީ ފަތުރިވެރިކަމުގެ ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް. ރިސޯޓު މުއައްޒަފުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ސާވިސް ޗާޖް. ސާވިސް ޗާޖަކީ ލިބެން ޖެހޭ އެއްޗެއް. އަޅުގަނޑުމެން މުވައްޒަފުންނަށް ސާވިސް ޗާޖް ލިބޭގޮތް ހަދާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި މިއަހަރުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް ޓޫރިޒަމް މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު، ހުސްވި ޖޫންމަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު ވަނީ 18.7 އިންސައްތަ އިތުރުވެފައެވެ.