ޚަބަރު

ޅޮއްސާއި އެއްވަރުކޮށް މާފަރު އެއްވަނައަށް


  • މެޗު އެއްވަރުވީ 2-2އިން

  • މާފަރަށް 4ޕޮއިންޓު ލިބިފައިވޭ

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޅޮއްސާއި އެއްވަރުކޮށް މާފަރުން، ނ. އަތޮޅުގެ ޕޮއިންޓު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

މަނަދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޅޮހިންނެވެ. މެޗުގެ 3ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝުހައިދުއެވެ.

މެޗުގެ 12 ވަނަ މިނެޓުގައި މާފަރުން ނަތީޖާ ހަމަހަމަކޮށްދިން އިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުޝާދު އާދަމް އެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ވެސް 3ވަނަ މިނެޓުގައި ޅޮހިން އިތުރު ލަނޑެއް ޖަހައި، އަނެއްކާ ވެސް ލީޑުނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ޠާރިޝްއެވެ.

މެޗުގައި ދެވަނަ ފަހަރަށް މާފަރަށް ނަތީޖާ ހަމަހަމަކޮށްދީ، މި މެޗުން އެޓީމަށް ޕޮއިންޓެއް ހޯދައިދިން ލަނޑު، ދެވަނަ ހާފުގެ 11ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަފްރާޙް މުޙައްމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އަފްރާޙެވެ.،

މި ނަތީޖާއާއިއެކު މާފަރަށް ނ. އަތޮޅު ތާވަލުގެ އެއްވަނަ ލިބެނީ ދެ މެޗުން 4 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މަނަދޫއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އޮތް މަގޫދޫއަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ. މަނަދޫއަށްަ ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ ފުލުގައި އޮތީ ދެމެޗުން އެއް ޕޮއިންޓު ހޯދި ޅޮއްސެވެ.


އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ނ. އަތޮޅުން ބައިވެރިވީ ޖުމްލަ ހަތަރު ޓީމެވެ. މި އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލް މެޗެއް ކުޅެގެންނެވެ. ފައިނަލް ކުޅޭނީ މިމަހުގެ 21ވަނަ ދުވަހުގެރެއެވެ.