މީހުން ދިރިއުޅޭ، ބިން ބޮޑެތި ރަށްރަށުގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާޙްކުރުމަށް "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" މިނަމުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރަށު ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް، މުޅިން އައު ނިންމުމެއް ނިންމެވިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޠާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މީހުން ދިރިއުޅޭ، ބިން ބޮޑެތި 11 ރަށްރަށެއްގައި، ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބީލަމުގެ އުޞޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.
"މިވަގުތު އަޅުގަނޑުމެން މި ނިންމީ ހއ. ފިއްލަދޫން ދައްޕަރު ސަރަޙައްދު، ހއ. އުލިގަން، އަދި ހއ. ކެލާގެ އިތުރުން، އައްޑޫ ސިޓީގެ 6 ރަށަކާއި، ލ. ގަމާއި، ފުވައްމުލަކު ތުނޑީ ސަރަޙައްދު. މާތް ﷲގެ ވާގިފުޅާއެކު، މިއީވެސް އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީއަށް މުހިންމު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން" ރައީސް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ބަލާއިރު ފަތުރުވެރިކަމުގައިވެސް މިރާއްޖޭގެ، ބޭނުންކުރެވޭ ބަޔަށްވުރެ، ނުކުރެވޭ ބައި އަދިވެސް ބޮޑުކަން ފާހަގަކުރައްވައި ރާއްޖޭގެ ކަނޑޫފާތަކާއި ކުޅިތަކާއި ޗަސްބިންފަދަ ތަންތަނަކީ ރާއްޖޭގެ ޤުދްރަތީ ތަރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއެކު މިފަދަ ތަންތަން ސަރުކާރުން ޙިމާޔަތް ކުރާނީ އެތަންތަނުން ލިބެންއޮތް އެންމެބޮޑު މަންފާއެއް ލިބޭނެގޮތަށް ބަލައިގެންކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް ރާއްޖެއިން އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ޙިމާޔަތް ކުރުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެމެހެއްޓެނިވި ފަތުރުވެރިކަމަކަށް އަޅުގަނޑުމެން އަމާޒު ހިފާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ތިމާވެށި ޙިމާޔަތް ކުރުމަށް. މިދިޔަ ސަރުކާރުގައި ރިޒޯޓް ހަދަން ދޫކުރި ރަށްރަށުގެ ތެރެއިން، ގއ. އޮޑެގައްލާ އަދި ބ. އިންނަފުށީގައި ރިޒޯޓް ތަރައްޤީ ކުރަން ހެދި ލީސް އެގްރީމެންޓް، މި ސަރުކާރުން އުވައިލަން ނިންމީ، މި ދެންނެވި ސަބަބުތަކަށްޓަކައި" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މަދުން ނަމަވެސް ސަޤާފީ އަދި އާސާރީ ބިނާތައް އެބަހުރިކަމަށާއި ދިވެހީންގެ ސަޤާފީ އެތައް ކުޅިވަރުތަކެއް ހުރިއިރު ދިވެހީންގެ ފަންނީ ހުނަރުތަކާއި ޚާއްޞަ މަސައްކަތްތައް ފަތުރުވެރިކަމުގެ ޞިނާޢަތާ ލާމެހިގެންދާނެ ގޮތަކަށް އެކަންކަން ދިރުވައި އާލާކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ ރައްޔިތުން ބާރުވެރިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޖްތަމަޢުގެ ތިޔާގިކަން އިތުރުވެގެންދާނީ ވަކިވަކި ފަރުދުންގެ ޖީބަށް އެނގުން ވެގެންން ކަމަށް ސަރުކާރުން ވަކާލާތު ކުރާއިރު ޢާއިލާތަކަށް އުފާވެރިކަން ލިބޭނީ ފަތުރުވެރި މުވައްޒަފުންނަށް ލިބޭ އެއްޗެއް އިތުރުކުރެވިގެންކަމުން ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ ނާރެހަކީ ސީދާ ރައްޔިތު މީހާގެ ޖީބުކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.