ސިޔާސީ

މަޝްވަރާތަކުގައި ބައިވެރިވުމަށް ނަޝީދަށް ފުރުޞަތު ދެވެން ނެތް


އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ބާއްވަވާ މަޝްވަރާތަކުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފުރުސަތު ދެވެން ނެތްކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، އިދިކޮޅު 3 ސިޔާސީ ޕާޓީން ސަރުކާރާއެކު މަޝްވަރާކުރުމަށް ހުށައަޅާފައިވާ ފަރާތްތަކާއެކު، ގާނޫނީ، ސިއްހީ، ޖިސްމާނީ އަދި އިދާރީ އެއްވެސް ހުރަހެއް ނެތްނަމަ މަޝްވަރާއާއިގެން ކުރިއަށްދާނެކަމަށެވެ. ނަމަވެސް އެމްޑީޕީން ހުށައެޅި ނަންތަކުގެ ތެރޭގައި، ޖަލުހުކުމެއް ތަންފީޒްކުރަމުންގެންދާ ފަރާތެއް ހިމަނާފައިވާތީ އެފުރުސަތު ދެވެން ނެތްކަމަށް މުއާޒް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީން ބުނީ، އެޕާޓީގެ ފަރާތުން ސަރުކާރާއެކު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވާނީ، ކުރީގެ ރައީސް އަދި އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޗެއަރޕާސަން އަލީ ވަހީދުގެ އިތުރުން ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިޙް ކަމަށެވެ. ނަޝީދު ނެތި މަޝްވަރާތަކުގައި ބައިވެރި ނުވާނެކަމަށް އެޕާޓީން ބުނެއެވެ. ސިޔާސީ ޚިލާފްތައް ކުޑަކޮށް މުޖްތަމައަށް ސުލްހަވެރިކަމާއި އަމާންކަން ގެނައުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ސަރުކާރުން ގޮވާލާފައިވާ ގޮވާލުމަށް އިދިކޮޅު ހުރިހާ ޕާޓީއަކުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވެއެވެ.މުއާޒް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ހުރިހާ ޕާޓީތަކެއް ބައިވެރިކޮށްގެން މަޝްވަރާތައް ކުރިޔަށް ގެންދިޔުންކަމަށެވެ. މަޝްވާރާތަކުގެ ތާރީޚެއް ވެސް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެކަމަށް މުއާޒް ވިދާޅުވިއެވެ. އަދާލަތުން ސަރުކާރާއި މަޝްވަރާކުރުމަށް އެކުލަވާލި ޓީމްގައި މި ވަގުތު ބަންދުގައި ހުރި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިފައިވާތީ އެކަމާއި މެދު ގޮތެއް ނިންމާނީވެސް މަޝްވަރާގެ ތާރީޚްތައް ކަނޑައަޅާ ހިސާބުންކަމަށް މުއާޒް ވިދާޅުވިއެވެ.ޚިޔާލު ތަފާތުވުން ކުޑަކޮށް ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އިދިކޮޅު ޕާޓީތަކާއި މަޝްވަރާކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕާޓީތަކަށް ރަސްމީކޮށް ދައުވަތު ދިނުމުން ވަކި ޝަރުތެއްނެތި މަޝްވަރާތަކުގައި ބައިވެރިވާނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވާއިރު އަދާލަތުންވެސް އެ މަޝްވަރާތަކުގައި ބައިވެރިވާނެކަން ހާމަކޮށްފައިވެއެވެ.