ކުޅިވަރު

ޔުއެފާ އެސިސްޓް މުބާރާތުގެ ޗެމްޕިއަންކަން ލެޓްވިއާއަށް!


ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެޓްވިއާ ޓީމުން ހޯދައިފިއެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު ފައިނަލް މެޗު ލެޓްވިއާ ކާމިޔާބު ކުރީ 6 – 0 ގެ ނަތީޖާއަކުންނެވެ. ލެޓްވިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޖިސް ސަކޯވްއެވެ. އޭނާ ވަނީ މިހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްވެސް އެޓީމަށް ކާމިޔާބު ކޮއްދީފައެވެ. ލެޓްވިއާއިން ފުރަތަމަ ހާފުގައި ދެން ލަނޑު ޖެހީ ޑާރިއޯ ސޫޓްސްއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3 – 0 އިން ލެޓްވިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބުޓާން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ.ނަމަވެސް ލެޓްވިއާގެ ކްރިސްޓާސް ވޮލްކޯވްސް ވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ފުޅާ ކޮއްދީފައެވެ. މީގެ އިތުރުން ބުރޫނޯ މެލްނިސް ލެޓްވިއާ އަށް ފަސްވަނަ ލަނޑު ދުރުން ޖެހި ބޯޅައަކުން ކާމިޔާބު ކޮއްދިނެވެ. މެޗު ހާފު ނިމެން ދެއްކި އިތުރު ވަގުތުގައި ޑާރިއޯ ވަނީ ލެޓްވިއާގެ 6 ވަނަ ގޯލް ޖަހާފައެވެ.

މެޗުން މޮޅުވި ލެޓްވިއާ ކޯޗު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ، މިފަދަ މުބާރާތެއް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށާއި، ޓީމަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް މިމުބާރާތުގެ ތެރެއިން ލިބިގެން ދިޔަ ކަން ޤަބޫލު ކުރެވޭ ކަމަށެވެ.

މުބާރާތުގެ ނިމުމުގެ ރަސްމީއްޔާތަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ބޫޓާން ކޯޗު ބުނީ ފުރަތަމަ ހާފުގައި ނުކުޅެވި ދިޔަ ކަމަށާއި، ދެވަނަ ހާފުގައި އެކަން ރަނގަޅު ކުރި ކަމަށެވެ. ނަމަވެސް ކާޑުގެ ސަބަބުން އެޓީމުގެ ކެޕްޓަން އަށް ނުކުޅެވުމަކީ ވަރަށް ގެއްލުން ދެއްކި ކަމެއް ކަން އޭނާ ފާހަގަ ކުރިއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލެޓްވިއާ ޓީމުގެ ކްރިސްޓާސް ވޮލްކޯވްސްއެވެ. ޕީއެސްއެމް އާއި ވާހަކަ ދައްކަމުން އޭނާ ބުނީ މިއީ އޭނާ އެއްގޮތަކަށް ވެސް އުންމީދު ކުރި އެއްޗެއް ނޫން ކަމަށާއި، އެނާ އަށް ވުރެ މޮޅު ކުޅުންތެރިން ތިބެ ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ ހޮވުނީ މިމެޗުގައި ވެސް ދެ ލަނޑު ކާމިޔާބު ކޮއްދިން ލެޓްވިއާގެ ޑާރިއޯ ސޫޓްސްއެވެ.

މުބާރާތުގެ ރަނަރައަޕް ޓީމަށް މެޑަލް ހަވާލު ކޮއްފައި ވާއިރު ޗެމްޕިއަން ޓީމަށް މެޑަލް އަދި ޝީލްޑް ހަވާލު ކޮއްދެއްވީ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ޞޯދިޤެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ފަނަރަ އަހަރުން ދަށަށް އަމާޒު ކޮށްގެން ބޭއްވި އެންމެ ބޮޑު މުބާރާތެވެ. ޔޫއެފާ އެސިސްޓް މުބާރާތްތަކުގެ އަމާޒަކީ ދުނިޔޭގެ އެކި ސަރަހައްދު ތަކުގައި ފުޓްބޯޅަ ތަރައްޤީކުރުމަށް ފަންނީ އަދި އެނޫން ގޮތްގޮތުންވެސް އެހީތެރިވެ ދިނުމެވެ.