ޚަބަރު

ޓީޗަރުންގެ ކަންބޮޑުވުންތައް ޓޭމްއާ ޙިއްސާކޮށްފި


ތަޢުލީމީ ދާއިރާއާއި ގުޅިގެން ހުރި ގިނަ ޝަކުވާތަކެއް، ޓީޗަރުން، ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ހިއްސާކޮށްފިއެވެ. "އަހަރެމެންގެ ކަންކަން ޙައްލުކުރާނީ އަހަރުމެން" މިޝިއާރުގެ ދަށުން ބެއްވި ބައްދަލުކުރެއްވުމުގައި މާލޭގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ޓީޗަރުން ވަނީ ބައިވެރިވެފައެވެ.

ޓީޗަރުންނަށް ދިމާވެފައިވާ ގިނަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޓީޗަރުން ގުޅިގެން މަސައްކަތްކުރުމަށް ނިންމައި، ޓީޗަރސް އެސޯސިއޭޝަނުން މިއަހަރު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވި ޓީޗަރުން ވަނީ ގިނަ މައްސަލަތަކެއް އެއެސޯސިއޭޝަނާ ހިއްސާކޮށްފައެވެ.

މިބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ޓީޗަރުން ބުނީ ޓީޗަރުންނަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން އެކިބާވަތުގެ އިންޒާރުތައް ލިބޭއިރު އެކަމަށް ފިޔަވަޅެއް އެޅިފައިނުވާކަން ޓީޗަރުންވަނީ ފާހަގަކޮށްފައެވެ. އަދި އެއްވެސް ހެއްކެއް ނެތި ދަރިވަރަކު ބުނާ ބުނުމަކަށް ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވާއިރު ގިނަފަހަރަށް ހަގީގަތަކީ ކޮބައިކަން އެއްވެސް ފަރާތަކުން ނުބަލާކަން ޓީޗަރުންވަނީ އެފަދަ ޙާދިސާތަކުގެ މިސާލުދައްކައި ފާހަގަކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމަށް ވާއިރު އަމިއްލަ ރަށް ދޫކޮށް މާލެ އައިސް ޓީޗަރުންގެ ވަޒީފާގައި ތިބޭ ފަރާތްތަކަށް އިތުރު ޢާމްދަނީއެއް ހޯދޭނެ ވަގުތު ނޯންނައިރު އެފަރާތްތަކަށް ލިބޭ މުސާރާއިން ކުލި ނުދެއްކޭއިރު މިދާއިރާގައި ދެމިތިބޭނެ ގޮތް ނޭނގޭކަމަށް ގިނަ ޓީޗަރުންވަނީ ފާހަގަކޮށްފައެވެ. އަދި މުސާރައާއި ގުޅޭގޮތުން ޓީޗަރުން ވާހަކަދެއްކުމުން އެކަމުގެ ވާހަކަތައް އެންމެން ދައްކާއިރު ޓީޗަރުން ޗުއްޓީ ދުވަހެއް ނުނަގާ ކިޔަވައިދިނުމާގުޅޭ މައްސައްކަތް ގޭގެއާއި ސްކޫލްގައި ކުރާކަން ގިނަ މީހުނަށް ނޭނގޭކަންވެސް ޓީޗަރުންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އާމަންހަޖަށް ކިޔަވައިދޭން ފަށާފައިވާއިރު މަންހަޖު ތަންފީޒުކުރުމަށް އިތުރު ގަޑި ބޭނުންވާކަމަށާއި އެވަގުތު ޓީޗަރަށް ނެތްކަން އެފަރާތުން ފާހަގަކުރެއެވެ. މީގެ އިތުރުން އާމަންހަޖަށް ޓީޗަރުން އަހުލުވެރި ނޫންކަން ފާހަގަކޮށް އެކަމަށް ފިޔަވަޅެއް އެޅިފައިނުވާއިރު ދަރިވަރުންގެ ކިޔެވުމަށް މީގެއިން ބޮޑެތި އަސަރުތަކެއް ކުރަމުންދާކަމަށްވެސް ޓީޗަރުން ފާހަގަކުރިއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދެއްކި ބައެއް ޓީޗަރުން ވިދާޅުވީ ޓީޗަރުން ކިޔަވއިދެމުންދަނީ ވަރަށް ޙާލުގައި ކަމަށާއި އެކަން އެއްވެސް ފަރާތަކުން ވަޒަން ނުކުރާތީ އެކަމާ ހިތާމަކުރައްވާކަމަށެވެ. އަދި ރާއްޖޭގައި ޓީޗަރުންގެ މަސައްކަތް ވަޒަންކުރެވޭނެ އެކަށޭނެ ނިޒާމެއް ނެތްކަމަށްވެސް ބައެއް ޓީޗަރުންވަނީ ބުނެފައެވެ.

މިބައްދަލުވުމުގައި ޓީޗަރުންވަނީ 2004ވަނަ އަހަރުގެ ސުނާމީގެ ފަހުން ކަނޑާލި އިތުރުގަޑީގެ އެލަވަންސްގެ ތެރެއިން އެންމެ 10 އިންސައްތަ ލިބޭ ހަމައެކަނި ދާއިރާއަކީ މިދާއިރާކަން ފާހަގަކޮށްފައެވެ. އެގޮތުން ސަރުކާރު ބަންދު ދުވަސްދުވަހު މަސައްކަތް ކުރިނަމަވެސް އަދި އިތުރު ގަޑީގެ ޙަރަކާތްތައް ހިންގުމަށް ރޭގަނޑު ސްކޫލްގައި ހޭދަކުރިނަމަވެސް އިތުރު ގަޑީގެ އެލަވަންސް ނުލިބޭކަމަށް ހުރިހާ ޓީޗަރުންވަނީ ބުނެފައެވެ. މީގެ އިތުރުން ކިޔަވައިދިނުމަށް މަންހަޖެއް އެކުލަވާލާފައިވާއިރު އޭގައިވާ ވަޞީލަތްތައް ހަމަކޮށްފައި ނުވާކަމުގެ މައްސަލަވެސް ޓީޗަރުންވަނީ ފާހަގަކޮށްފައެވެ.

ޓީޗަރުންގެ ފަރާތުން ގިނަ މައްސަލަތަކެއް ހުރިއިރު ޓޭމްއިން ޓީޗަރުންގެ ޝަކުވާ އަޑުއަހައި މިނިސްޓްރީއަށް ހުށައަޅަމުންދާނެކަމުގެ ޔަގީންކަން ޓޭމްއިންވަނީ ޓީޗަރުންނަށް ދެއްވާފައެވެ. އަދި ޓީޗަރުންނަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ފާއިތުވި ދެތިން އަހަރެއްގެ މައްސަލަ ނޫންކަމަށާއި މިއީ ފާއިތުވި 20 އަހަރުތެރޭގައި މިދާއިރާއަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ހިނގާފައިވާ ކަންތައްތައްކަމުގައި ޓީޗަރުން ފާހަގަކުރެވެއެވެ.