ޚަބަރު

މަސައްކަތްތެރިންގެ ޙައްޤު ކަށަވަރުކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ- ނާއިބް ރައީސް


މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކޮށްދީ، އެފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ ކ. ތިލަފުށީގައި ޤާއިމުކޮށްފައިވާ ކްލިނިކާއި، ބޭސްފިހާރަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، މަސައްކަތްތެރިންނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށާއި، މަސައްކަތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށެވެ. އަދި އެފަދަ ކަންކަމަށް ދޭންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ބައެއް ހިތާމަވެރި ޙާދިސާތައް ހިނގާފައިވާކަން ފާހަގަކުރައްވާ އެފަދަ ކަންކަމަށް ފަރުވާ ކުޑަ ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނާއިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، މަސައްކަތްކުރުމުގެ މާހަލުގައި ވަކިން ޙާއްސަކޮށް އިންޑަސްޓްރިއަލް އެކި ކަހަލަ މަސައްކަތްތައްކުރާއިރު ހިފަހައްޓަންޖެހޭ ސަލާމަތީ މިންގަނޑުތަކާމެދު މުވައްޒަފުން މިހާރަށްވުރެ ބޮޑަށް އަޙުލުވެރިކުރުވަންޖެހޭ ކަމަށެވެ.

ތިލަފުށީ ކްލިނިކާއި ބޭސް ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު ވިދާޅުވީ، ތިލަފުއްޓާއި، ގުޅީފަޅު ހިމެނޭހެން 3000 އަށްވުރެ ބޮޑު އާބާދީއެއްގެ މަސައްކަތްތެރިން އެކި އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާއިރު، އެމީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ކަންކަން މީގެކުރިން އެރަށުގައި ހަމަޖެހިފައިނެތުން އެއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމަށެވެ. ނަމަވެސް އަލަށް ހުޅުވުނު ކްލިނިކާއެކު ކުއްލި ހާލަތްތަކުގައި ބޭނުންވާ ފަރުވާ ތިލަފުށިން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ، ތިލަފުށީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެރަށް އެކި ބޭނުންތަކުގައި ދާ ފަރާތްތަކަށް ޙާއްސަކޮށްގެން ޒަމާނީ ކެފޭއެއް އޯގަސްޓްމަހުގެ ތެރޭގައި ހުޅުވުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.

އަލަށް ހުޅުވި ކްލިނިކާއި ބޭސް ފިހާރައާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މި ދެތަން ހިންގުމާއި ހަވާލުކޮށްފައިވާ އެފް އެންޑް ސީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފާއިޒު ވިދާޅުވީ، މި ކިލްނިކުގައި އާއްމު ބަލިތަކުގެ ފަރުވާގެ އިތުރުން ސްޕެޝަލިސްޓުގެ ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބޭނެކަމަށެވެ.

ކ. ތިލަފުށީގައި ކްލިނިކަކާއި ބޭސް ފިހާރައެއް ހިންގުމަށް އެފް އެންޑް ސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 1 އޭޕްރީލް 2019 ގައެވެ. މި ކްލިނިކުގައި ބަލިމީހުން ބަލާ އެއް ކޮޓަރިއާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިއަކާއި، އިންޖެކްޝަން ޖަހައިދޭ ކޮޓަރިއެއްގެ އިތުރުން، ބޭސްފިހާރައަކާއި، ރިސެޕްޝަނެއް ހާދައިފައިވެއެވެ. މި ކްލިނިކް ހިންގުން އެން އެންޑް ސީއާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.