ވިޔަފާރި

ރާއްޖޭގެ "ޓެރާ" ސީއެންއެންގެ ބެސްޓް ވޯޓަރ ފްރަންޓް ރެސްޓޯރަންޓްތަކުގެ ލިސްޓަށް!


މަޝްހޫރު ޓީވީ ނެޓްވޯކް، ސީ.އެން.އެންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްތަކުގެ ތެރޭގައި ރާއްޖޭގެ ރެސްޓޯރަންޓެއް ހިމެނިއްޖެއެވެ.

މި ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ރަނގަޅު ވޯޓަރ ފްރަންޓް ރެސްޓޯރަންޓް ހުންނަ 26 ރެސްޓޯރަންޓެއް ވަނީ ހިމަނާފައެވެ.

ސީއެންއެން އިން ހޮވި އެންމެ ރަނގަޅު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރެސްޓޯރަންޓަކީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައި ހުންނަ ޓެރާ ރެސްޓޯރަންޓެވެ. ވަށައިގެންވާ މާހައުލް ރީތިކޮށް ފެންނާނެފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މި ރެސްޓޯރަންޓަކީ، އޮނު ބޭނުންކޮށްގެން ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ރެސްޓޯރަންޓެކެވެ.

ސީ.އެން.އެން އިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްގެ ލިސްޓުގައި އިންޑޮނޭޝިޔާ، ޓެންޒޭނިޔާ، އިޓަލީގެ ވެނިސް، މަޔާމީ، ކެލަފޯނިއާ، ގްރީސްގެ ސެންޓޯރިނީގެ ރެސްޓޯރަންޓްތައް ހިމެނެއެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓް ވަނީ މީގެކުރިން ސީއެންއެންއިން ހޮވި އޭޝިޔާގެ އެންމެ ހިތްގައިމު 14 ރިސޯޓުގެ ލިސްޓުގައިވެސް ހިމެނިފައެވެ. އެފަހަރު ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ހިމެނިފައިވަނީ 5 ވަނަގައެވެ.

މާލެ އަތޮޅު އިތާފުށީގައި ޤާއިމްކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްއަކީ ދުނިޔޭގެ ނަން މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން އެސްޓޯރިއާގެ ރިސޯޓެއް ރާއްޖޭގައި ތަރައްޤީކުރި ފުރަތަމަ ފަހަރެވެ.

ވަކިވަކިން އޮތް ތިން ކުޑަ ރަށް ހިއްކައިގެން އެއްކޮށް ތަރައްޤީކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް ރިސޯޓުގައި 140 ވިލާ އަދި 10 ރެސްޓޯރެންޓު ކެފޭ ހުރެއެވެ.