ކުޅިވަރު

ދީމާގެ މަންމައާއި ބައްޕަ - ލޯތްބާއި، ގުރުބާނީ، އެހީތެރިކަމާއި ހިތްވަރުދިނުމުގައި މިވަރެއް ނެތް


ފާތިމަތު ދީމާ ޢަލީ ޅަ އުމުރުގައި ހޯދި ކާމިޔާބީއާއެކު އޭނާއަށް އެންމެން ތަޢުރީފް ކުރަމުން އަންނައިރު ދީމާ ކުޅޭ ކޮންމެ މެޗެއް ފެށޭ ވަގުތާއި ނިމޭ ވަގުތު ފެންނަނީ ކުޅިވަރުގައި މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ކުޅިވަރުގެ މުޖުތަމަޢުގައިވެސް މިހާރު މަދުވެފައިވާ ނަމޫނާ މަންޒަރެކެވެ. ދީމާގެ މަންމައާއި ބައްޕަ ދީމާއަށް ދޭ ހިތްވަރެވެ. ދީމާ ކުޅޭ ކޮންމެ މެޗަކަށް ތައްޔާރުވުމަށާއި، މެޗުތަކުގައި އިތުބާރު ލިބެނީ މަންމައާއި ބައްޕަގެ ފަރާތުންނެވެ.

ދީމާގެ ކާމިޔާބީގެ ފެށުމަކީ މީގެ ތިން އަހަރު ކުރިން އުމުރުން 8 އަހަރުގައި މެލޭޝިޔާގައި ކުރިއަށްދިޔަ ޓީޓީ މުބާރާތަކުން ލިބުނު ކާމިޔާބީއެވެ. އޭރުވެސް ދީމާގެ މަންމަ އައިޝަތު ވަހީދާއާއި ބައްޕަ އަބްދުއްސައްތާރުގެ އުއްމީދަކީ ދީމާ ދިވެހިރާއްޖޭގެ ޤައުމީ ޓީޓީ ޓީމާއެކު ރަންވަނަތަކެއް ހޯދުމެވެ. ލަންކާގެ ސަރުކާރުން އެޤައުމުގެ ރަށްވެހިކަން ދީމާއަށްދޭން އެތައް މަސައްކަތްތަކެއްކުރަމުންދަނިކޮށް އެ ހުރިހާ ފުރުޞަތެއްގައި ކޮޅުފައިން ޖަހައި ދީމާގެ މައިންބަފައިން އޭނާ ރާއްޖޭގެ މުބާރާތްތަކަށް ނެރުނީ ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާއަށް ހެދުމަށެވެ. އެކަން ކާމިޔާބުކުރީވެސް ފުރަތަމަ މުބާރާތުންނެވެ.

އޭގެ ފަހުން އަމިއްލަ ޖީބުން ޚަރަދުކޮށް އެކި ޤައުމުތަކަށްގޮސް ދީމާއަށް ބޭނުންވާ ތަމްރީނު ދެމުންދިޔައީ ދީމާއަކީ މޮޅު ކުޅުންތެރިއަކަށް ހަދަން ބޭނުންވާތީއެވެ. ދީމާގެ މަންމައާއި ބައްޕަ ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެންނަންފެށީވެސް ވަރަށް އަވަހަށެވެ. ޤައުމީ ޓީމާއެކު ދީމާ މިހާތަނަށްކުރި ކޮންމެ ދަތުރެއްވެސް ވަރަށް ކާމިޔާބެވެ. ޖޫނިއަރ އުމުރުފުރާގައި ސަރަހައްދީ މުބާރާތްތަކުން ރަންވަނަ ހޯދިއެވެ. އޭޝިޔާގެ ޖޫނިއަރ މުބާރާތުން ރިހި މެޑަލް ހޯދިއެވެ. އޭގެ ފަހުން ދެން ފެށި ދަތުރަކީ މިހާތަނަށް ދީމާގެ މަންމައާއި ބައްޕަ ގަބޫލުކުރާ ގޮތުގައި އެންމެ އުފާވެރި ހަނދާންތަކެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދީމާ ހޯދި ކާމިޔާބީއާއެކު ދީމާގެ މަންމައާއި ބައްޕަ ތިބީ އުފަލުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދީމާއަށްޓަކައިވި ޤުރުބާނީގެ އަގު ރަން މެޑަލްތަކުން ދީމާ ހޯދައިދީފިއެވެ. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގެ އައު ސަފުހާތައް ޓީޓީ ޓީމުން މިފަހަރު ލިޔުނުއިރު، ހުރިހާ ސަފުޙާއެއްގެ އެންމެ ކުރީގައި އޮންނާނީ ދީމާގެ ނަމެވެ. މި ފަހަރުގެ ގޭމްސްގައި އެންމެ ގިނަ ރަން މެޑަލް ހޯދި ދިވެހި އެތްލީޓަކީވެސް ދީމާއެވެ. ތިން އިވެންޓުން ތިން ރަން މެޑަލް ދީމާގެ ކަރުގައި އެޅުވިއެވެ.

"ދީމާ މިހާ ޅަ އުމުރުގައި މިހާބޮޑު ކާމިޔާބީތަކެއް ހޯދާނެކަމަށް އުއްމީދު ނުކުރަން، ދެން އުފާވާނީ މިވަރަކަށް ކަންނޭނގެ" ތިންވަނަ ރަން މެޑަލް ދީމާ ކަރުގައި އަޅުވާލި ވަގުތު ދީމާގެ ބައްޕަ ސައްތާރު ބުންޏެވެ.

ދީމާ ކުޅޭ ކޮންމެ މެޗަކުން ދީމާ މޮޅުވިޔަސް ފުރަތަމަ ސަޕޯޓަރުންގެތެރެއިން މިސްރާބު ޖަހަނީ މަންމައާއި ބައްޕަގެ ގާތަށެވެ. އެންމެ ފުރަތަމަ ބޭނުންވަނީ މަންމައަށް ޝުކުރުއަދާކުރާށެވެ. މެޗުގައި ދީމާ ބަލިވެފައި އޮންނަ ވަގުތުވެސް އެންމެ ބޮޑަށް ދީމާއަށް ގޮވައި ހިތްވަރުދޭ ދީމާގެ އެއްވަނަ ސަޕޯޓަރުންނަކީވެސް ދީމާގެ މަންމައާއި ބައްޕައެވެ. ދީމާއެކޭ އެއްގޮތަށް ޓީޓީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް އެ ދެމައިން ސަޕޯޓްދެނީ ފޫހިކަމެއްނެތިއެވެ. ކުޅުންތެރިންނަށް އެއްޗެއް ބޭނުންވެގެން ބުނެލާ ކޮންމެ ވަގުތަކު މެނޭޖަރަށްވުރެ ކުރީގައި ހުންނަނީ ދީމާގެ ބައްޕައެވެ. އަބަދުވެސް ތައްޔާރަށެވެ. އަބަދުވެސް ޓީމަށް ހިތްވަރު ދިނުމުގައި އެންމެ ކުރީ ސަފުގައެވެ.

ކޮންމެ ރަން މެޑައްޔެއް ދީމާގެ ކަރުގައި އަޅުވާލައި ޤައުމީ ސަލާން ޖަހާލާ ކޮންމެ ފަހަރަކު ދީމާގެ މަންމައާއި ބައްޕަގެ ލޮލުން ކަރުނައާދެއެވެ. ޔަޤީނުންވެސް 11 އަހަރުގެ ދަރިފުޅު އެ ހޯދި ކާމިޔާބީއާއިމެދު މިއަދު ފަޚުރުވެރިވަނީ ހަމައެކަނި އެ ދެމައިންނެއް ނޫނެވެ. މުޅި ދިވެހި ޤައުމުވެސް ފަޚުރުވެރިވެއެވެ. މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފޭވަރިޓު ނަމަކީވެސް ދީމާއެވެ.