ޚަބަރު

ކުޅުދުއްފުށީ އެސްޓީއޯ ބޭސް ފިހާރައިގެ ޚިޔާނާތުގެ މައްސަލައެއް ބަލަން ފަށައިފި


ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރައިގެ ފައިސާތަކަކަށް އެތަނުގެ މުވައްޒަފަކު ޚިޔާނާތްތެރިވި މައްސަލައެއް ތަޙްގީގު ކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެބޭސް ފިހާރައިގެ ޝިފްޓް އިންޗާޖެއް ވަނީ މިމައްސަލާގައި ވަޒީފާއިންވެސް ވަކިކޮށްފައެވެ. އަދި އިތުރު މުވައްޒަފެއްގެ ވަޒީފާ ވަނީ ދަށްކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެބޭސްފިހާރައިން ވީނުވީއެއް ނޭގި ގެއްލިގެންއުޅޭ ފައިސާގެ ޢަދަދު އެއްލައްކައަށްވުރެ މަތިވާނެއެވެ.

ބޭސް ފިހާރައިގެ ފައިސާތަކެއް ގެއްލުނުކަން އެނގުނީ މިދިޔަ މެއިމަހު އެތަނުން އެއް މުވައްޒަފަކު ޗުއްޓީއަށް ދިޔުމުންކަމަށް ވެސް ވެއެވެ. އެފަދަ ޙާދިސާއެއް ހިނގުމުން ކުންފުނީގެ ތެރޭގައި އިންޓާނަލް ތަހުގީގެއް ކުރަމުންދާ ކަމަށާ، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަންވެސް އެސްޓީއޯއިން މަޢުލޫމާތު ދެއްވައެވެ.