ޚަބަރު

ފުޅަނދުތައް ޢާއްމުކޮށް ދައްކާލައި ފޮޓޯނެގުން ވެލިދަނޑުގައި


މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅުނދުބުރުގައި ބައިވެރިކޮށްފައިވާ ފުޅަނދުތައް އާއްމުކޮށް ދައްކާލާ، ފޮޓޯނެގުމުގެ ފުރުޞަތު މިއަދާއި މިރޭ މާފަންނު ވެލި ދަނޑުގައި އޮންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 54ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް ރޭ ކުރިއަށްގެންދިޔަ ފުޅަނދުބުރުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏަކުން 9 ފުޅަނދެއް ބައިވެރިކޮށްފައިވެއެވެ. މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ޖަޒީރާވަންތަ ސިފަތަކާއި، ދިވެހިންގެ މަސައްކަތްތެރިކަމާއި، ކުޑަކުދިން ގަޔާވާނެފަދަ ގޮތަކަށެވެ. އަދި ފުޅަނދުތަކާއެކު ކާޓޫންތަކާއި ފިލްމްތަކުން އާއްމުންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ތަފާތު ކެރެކްޓަރތައްވެސް ހަރަކާތްތެރިވެފައިވެއެވެ. ހަމައެހެންމެ ދިވެހިންގެ ސަޤާފީ ބައެއް ނެށުންތަކާއި، ޒަމާނީ ކުލަވަރުތައްވެސް ރޭގެ ފުޅަނދުބުރު ހަރަކާތުގައި ފެނިގެންގޮސްފައިވެއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، ފުޅަނދުބުރުގައި ބައިވެރިވި ފުޅަނދުތައް ޢާއްމުކޮށް ދައްކާލުން މިއަދު ހަވީރާއި މިރޭ ކުރިއަށްދާނެކަމަށެވެ. އެގޮތުން ފުޅަނދުތައް އާއްމުކޮށް ދައްކާލުން އޮންނާނީ އެކުވެނި ވެލިދަނޑުގައި ކަމަށާއި، މި ހަރަކާތުގެ ތެރެއިން ފުޅަނދުތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ފުޅަނދުބުރު ހަރަކާތްވެފައިވަނީ ޢާއްމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ހަރަކާތަކަށެވެ. ރޭގެ މި ހަރަކާތް ބަލާލުމަށްވެސް މާލޭގެ މަގުތަކަށް އެތައްސަތޭކަ ބަޔަކު ވަނީ ނުކުމެފައެވެ.