ޚަބަރު

"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު"ގެ ފުރަތަމަ ޝޯއަށް ބޮޑު ތަރުހީބެއް!


މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް އިން ކުރިއަށްގެންދިޔަ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު"ގެ ފުރަތަމަ ޝޯއ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި މި ޝޯވ އަކީ ދިވެހިރާއްޖޭގެ 54ވަނަ މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މިރޭވެސް "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު"ގެ ދެވަނަ ޝޯވއެއް ބޭއްވުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. ސަޤާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާއިއެކު "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" އަލުން ފަށާފައި މިވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހުއެވެ.

ރޭގެ ޝޯއގައި މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ދުވަސްވީ މީހުންނާއި އަލަށް ދާއިރާއާއި ގުޅިފައިވާ ފަންނާނުން ވަނީ ބައިވެރިވެފައެވެ. މި ފަންނާނުންނާއި ޝޯވ ބަލަން ދިޔަ އާންމުންނަށް ޝޯވ ކަމުގޮސްފައިވާއިރު އެމީހުންގެ އެދުމަކީ މިފަދަ ޝޯއތައް ގިނައިން ބޭއްވުމެވެ.

ރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްގެންދިޔަ ޝޯއގައި މަޝްހޫރު ބޮޑުބެރު ގުރުޕްތަކުންނާއި ބޭންޑްތަކުންވަނީ ލަވަ ހުޝަހަޅާދީފައެވެ. ފަންނާނުންގެ މިޔުޒިކީ އީދު މިފަހަރު ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އަރޓްސް ކަލްްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަރ ފޮރ ދި އަރޓްސް އާއި ފަންނުގެ ދަރިންނާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެންނެވެ. 54 ވަނަ މިނިވަންދުވަސް ފާޙަގަ ކުރަމުންދާއިރު ރޭ މާލޭގައި ވަނީ ފުޅަދު ބުރެއްވެސް ބާއްވާފައެވެ. މީގެ އިތުރުންވެސް ހެވިކަމާއި ކުޅިވަރު ހިމެނޭ މިނޫންވެސް ގިނަ ހަރަކާތްތަކެއް މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.