ޚަބަރު

މިނިވަން ދުވަހުގެ ފުޅަނދުބުރަށް އާއްމުންގެ ބޮޑު ތަރުޚީބެއް


ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ޚާއްސަ ފުޅަނދުބުރެއް ބާއްވައިފިއެވެ.

މި ފުޅަނދުބުރުގެ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވާފައިވާއިރު، ގިނަ އަދަދެއްގެ އާއްމުންވެސް ވަނީ މި ހަރަކާތް ބެލުމަށް މާލޭގެ މަގުތަކަށް ނުކުމެފައެވެ. މިއަހަރުގެ ފުޅަނދުބުރު ހަރަކާތުގައި ސަރުކާރު ހިއްސާވާ 5 ކުންފުންޏަކުން ޖުމްލަ 9 ފުޅަނދެއް ބައިވެރިކޮށްފައިވެއެވެ.

އެ 5 ކުންފުންޏަކީ އެމް.ޕީ.އެލް، އެމް.ޑަބްލިއު.އެސް.ސީ، ސްޓެލްކޯ، ބީ،އެމް،އެލް އަދި އެމް.އޭ.ސީ.އެލްއެވެ.

މި ފުޅަނދުތައް ދަތުރުކޮށްފައިވަނީ މަޖީދީމަގުން ގޮސް ސޯސަންމަގު މަޖީދިއްޔާ ސްކޫލް ކަންމަތިން ގޮސް ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު މުލިއާގެ ކައިރީ މަޑުކުރުމަށްފަހު ޖުމްހޫރީ މައިދާން ހިމެނޭ ސަރަޙައްދުން ބޮޑުތަކުރުފާނު މަގުން ގޮސް މާލޭ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަޙައްދަށެވެ.

މި ހަރަކާތުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ މިފަހަރުގެ ފުޅަނދުބުރުގެ ހަރަކާތުގައި ބައިވެރިވި ކުންފުނިތަކުން، މި ހަރަކާތް ވީހާވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ދެއްވި އެއްބާރުލުން ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެންމެފަހުން މާލޭގައި ބޭއްވުނު ފުޅަނދުބުރުގެ ހަރަކާތަށްވުރެ މިފަހަރުގެ ހަރަކާތް ފުރިހަމަވެފައި، ބައިވެރިވެފައިވާ ފުޅަނދުތަކުގެ އަދަދުވެސް އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފުޅަނދުބުރު ހަރަކާތުގައި ބައިވެރިކޮށްފައިވާ ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި، ޖަރީޒާވަންތަކަމާއި، ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން ދައްކައިދިނުމުގެ އިތުރުން ކުޑަކުދިން ގަޔާވާނެހެން ޒަމާނީ ކުލަތަކާވެސްއެކުއެވެ. އަދި ފުޅަނދުތައް ފަރުމާކުރުމުގައި އެ ކުންފުނިތަކުން އާއްމު ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދައްކުވައިދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ފުޅަނދުތަކާއެކު ދިވެހިންގެ ސަޤާފަތާއި ތާރީޚު ރަމްޒުކޮށްދޭ ހެދުންތަކާއި، ކާޓޫންތަކާއި ފިލްމުތަކުން އާއްމުންގެ މަޤުބޫލުކަން ހޯދާފައިވާ ކެރެކްޓަރތައްވެސް ފެނިގެންދިޔައެވެ. ހަމައެހެންމެ ސަޤާފީ ބައެއް ކުޅިވަރުތައްވެސް ކުންފުނިތަކުން ހުށަހަޅާދީފައިވެއެވެ. މިނިވަންދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރުގެ ހަރަކާތް ބާއްވާފައި މިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ.