ސިޔާސީ

ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުކަމަށް މާނިޢު


ބާރ ކައުންސިލް މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ ވަކީލަކު ހޮވުމަށް ބޭއްވި އިންތިޚާބު ޤާނޫނީ ވަކީލު ޢަބްދުލްމާނިޢުޙުސައިން ކާމިޔާބުކޮށްފިއެވެ.

މާނިޢު އިންތިޚާބު ކާމިޔާބކުކޮށްފައިވަނީ 199 ވޯޓު ނުވަތަ އިންތިޚާބުގެ 50.13 އިންސައްތަ ވޯޓު ކާމިޔާބުކޮށްގެންނެވެ. ފަސް ކެނޑިޑޭޓުން ވާދަކުރި މި އިންތިާޚާގައި މާނިޢުއާއި އެންމެ ގާތުން ވާދަކުރި ޢަލީ ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓެވެ. އެއީ 31.23 އިންސައްތައެވެ. މިއިންތިޚާބުގައި ދެން ވާދަކުރި ކެނޑިޑޭޓުންނަކީޤާނޫނީ ވަކީލު އަޙްމަދު ނަޝީދު ޙުސައިން، ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި މަރްޔަމް ޙަނީފާ ޚާލިދުއެވެ.

1487 ވަކީލަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ މި އިންތިޚާބުގައި ވޯޓުލާފައިވަނީ 404 ވަކީލުންނެވެ. ޤާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ހޮވަން ބޭއްވި އިންތިޚާބަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީއަށް އިންތިޚާބުކުރަން ބޭއްވި އިންތިޚާބެކެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ 68ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެ ޤާނޫނުގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކީ ބާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ޤާނޫނީ ވަކީލަކަށް ވާންޖެހެއެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރުގެ މެންބަރުކަން، ނިމުމަކަށް އަންނާނެކަމަށްވެސް އެޤާނޫނުގައި ބުނެފައިވެއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ކުރިން ވަކީލުންގެ ފަރާތުން ތަމްސީލްކުރައްވަމުން ގެންދެވީ ޤާނޫނީ ވަކީލް ލަޠީފާ ޤާސިމެވެ. ނަމަވެސް ޤާނޫނީ ފަންނުގެ ޤާނޫނާއެކު ލަޠީފާ ޤާސިމްގެ މަޤާމު ވަނީ ގެއްލިފައެވެ. ޖޭއެސްސީގައި ތިއްބަވާނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއެކު 10 މެންބަރުންނެވެ.