ސިޔާސީ

ރައީސް ޔާމިންގެ މައްސަލަ އެންމެ ފަނޑިޔާރަކު ބެއްލެވުމުން އިންސާފަށް ހުރަސްއެޅޭ - ޕްރޮގްރެސިވް ކޯލިޝަން


ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް އެންމެ ގާޒީއަކު އިންނަވައިގެން ބެލުމަކީ އިންސާފަށް އެޅޭ ހުރަހެއްކަމަށް ދެކޭކަމަށް ޕްރޮގްރިސިވް ކޯލިޝަން ކޮންގްރެސް އިން ބުނެފިއެވެ.

ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން މިއަދު މެންދުރު ފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިސްވެރިން ވަނީ ރައީސް ޔާމިންގެ މައްޗަށް އުފުލާފާއިވާ ދައުވާއާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެފައެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލަ އެންމެ ފަނޑިޔާރަކު ބައްލަވާކަމީ އެ ކޯލިޝަނުގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބެއްލެވުމަށް ގޮވާލައްވާ ކަމަށެވެ.

އޭނާ ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އެހެން މީހުންގެ އެކައުންޓްތަކަށް ވަދެފައިވާއިރު އެމީހުންގެ މައްޗަށް ދައުވާ ނުކޮށް ރައީސް ޔާމިންގެ މައްޗަށް އެކަނި ދައުވާކުރަނީ ކީއްވެގެންތޯވެސް ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމިންގެ މައްޗަށް ކުރެވޭ ދައުވާއަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކަމެއް ގޮތުގައި ގަބޫލު ނުކުރާ ކަމަށްވެސް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެެވެ.