ޚަބަރު

މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ބާއްވައިފި


މިނިވަންދުވަހުގެ މުނާސަބަތުގައި ޚާއްސަ ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ. ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓުން ބައިވެރިވި މި ޝަރަފުގެ ހިނގާލުމަށްވަނީ ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ.

ޝަރަފުގެ ހިނގާލުމުގައި މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މާލޭގެ ގިނަ ސްކޫލްތަކުގެ ކެޑޭޓުން ވަނީ ބައިވެރިވެފައެވެ. ސިފައިންގެ ޝަރަފުގެ ހިނގާލުން ފަށާފައިވަނީ ބަންޑާރަކޮށިންނެވެ. މި ހިންގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ. ސްކޫލްތަކުގެ ކެޑޭޓުންގެ ޕެރޭޑު އަމީނިއްޔާ ސްކޫލުން ފަށާފައިވާއިރު ކުދިންގެ ހިނގާލުން ނިންމާލާފައިވަނީ އިސްކަންދަރު ސްކޫލަށެވެ.

މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ މުލީއާގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެވެ. މިހިނގާލުމުގައި ސިފައިންވަނީ ރައީސަށް ޚާއްސަ ކުރުނީހެއްވެސް އަރުވާފައެވެ.

މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީވެސްވަނީ ބައްލަވާލައްވާފައެވެ. މިހިނގާލުމުގައި ސިފައިންގެ ބޭންޑާއި ސްކޫލްތަކުގެ ކެޑޭޓް ބޭންޑުތަކުންވަނީ ތަފާތު ޙަރަކާތްތައް ޢާއްމުންނަށް ހުށައަޅައިދީފައެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުން ބަލާލުމަށް ޢާއްމުންނާއި ގިނަ ޢަދަދެއްގެ ކުޑަކުދިން މަގުތަކަށް ޖަމާވެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ހިނގާލުމަށް ފަތުރުވެރިންގެ ސަމާލުކަންވެސްވަނީ ހުއްޓިގެން ގޮސްފައެވެ.