ޚަބަރު

"ދިވެހިންގެ ރަމްޒު، ދިވެހި ދިދައިގެ ނިދާ" - ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަހުގެ ހަނދާންތައް އާކޮށްދީފި


ދިވެހިން އިނގިރޭސީންގެ ޙިމާޔަތުގައި ޤަރުނަކަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އެ ދުވަހު ދިވެހިނަށް ލިބުނު އުފާވެރިކަމުގެ ޝުޢޫރު، ރޭ ގަލޮޅު ގަނޑުގައި ޤައުމީ ދިފާޢީ ބާރުން ހުށައަޅައިދިން "ދިވެހިންގެ ރަމްޒު، ދިވެހި ދިދައިގެ ނިދާ" ހަރަކާތުން އަނެއްކާވެސް މިވަނީ އާވެގެން ގޮސްފައެވެ.

132 އަހަރު އިނގިރޭސިންގެ ޙިމާޔަތުގައި އޮތުމަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު 26 ޖުލައި 1965ވަނަ ދުވަހަކީ މިއަދާއި ހަމައަށް ދިވެހިން އެ ހަނދާންތައް އާކުރަމުން އަންނަ ފަޚުރުވެރި ދުވަހެކެވެ. އެއީ މިނިވަންކަން ލިބި ދިވެހި ދިދަ މިއަދު މިފެންނަގޮތަށް ޖައްވުގެ ތެރޭގައި ވިހުރިލަ ވިހުރިލާ ހުންނަން ލިބުނު ދުވަހެވެ.

"މިނިވަން ދުވަސް" މިގޮތުގައި ފާހަގަކުރާތާ 54 އަހަރު ފުރި 55 ވަނަ އަހަރު ގުނަން ފަށާފައިވާއިރު، ދިވެހިރާއްޖެ މިއަދާއި ހަމައަށްވެސް ދެމި މިއޮތީ މި މިނިވަންކަން މަތީގައެވެ.

ގަލޮޅު ދަނޑުގައި އޮތް 54ވަނަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ހަރަކާތުން ފެނިގެން ގޮސްފައިވަނީ މިނިވަންކަމުގެ މި މަންޒަރެވެ. ދަނޑުގައި ބޭއްވި ހަރަކާތުގައި ޤައުމީ ދިފާއީ ބާރުންވަނީ ޤައުމަށް މިނިވަންކަން ލިބިގެންއައި ގޮތާއިިި، އެކަމުގެ އެބަސްވުމުގައި 1965ވަނަ އަހަރުގެ ޖުލައި މަހު 26ވަނަ ދުވަހު ސޮއިކުރި މަންޒަރު ދައްކާލާފައެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ދިވެހިރާއްޖެ މިނިވަންވި އެއްބަސްވުމުގައި އޭރުގެ ބޮޑުވަޒީރު އިބްރާޙިމް ނާސިރު ސޮއިކުރެއްވި ތަސްވީރު ދިއްލާލުމާއިއެކު މުޅި ދަނޑު ހަމަހިމޭންވިއެވެ. މިނިވަންކަން ލިބުމާއިއެކު ފެއްސާ، ރަތާއި، ހުދުން ދިވެހި ރާއްޖޭގެ ރަމްޒު ދިވެހިންގެ ދިވެހި ދިދަ ވިހުރުވާލި މަންޒަރަކީ ޤައުމީ ލޯބި އުތުރިއެރި ވަގުތުކޮޅެކެވެ.

ފަހު އައިޓަމްގެ ގޮތުގައި ޤައުމީ ދިފާއީ ބާރުން ހުށައަޅައިދިން "ދިވެހިންގެ ރަމްޒު، ދިވެހި ދިދައިގެ ނިދާ" ހަރަކާތަކީ ދިވެހި ދިދައަށް ކުރާ އިޙްތިރާމާއި، ދިވެހި ދިދައިގެ ޙައިބަތާއި، މިނިވަންކަމާއި، ޤައުމިއްޔަތުގެ ރަމްޒު ދައްކުވައިދިން ހިތްގައިމު ހަރަކާތެކެވެ. އަދި އެ ވަގުތުކޮޅު ވެގެންދިޔައީ މިނިވަންކަން އިޢުލާންކުރާ ވަގުތު ހިތުގައި އުފެދޭނެ ޝުޢޫރުތަކާއި، އެ އިޙްސާސްތައް ގެނެސްދިން ވަގުތުކޮޅަކަށެވެ. އަދި ދިވެހިން މިއަދު މިދެކޭ މިނިވަންކަން ހޯދައިދިނުމަށް ދިވެހި ބަތަލުން ކުރި މިންނެތް މަސައްކަތްތަކުގެ ހަނދާންތައް އާވި ކަމަކަށެވެ. އަދި އިސްލާމްދީނުގެ އަޙްވަންތަކަމާއި ދިވެހިންގެ އެއްބައެއް ވަންތަކަން ދައްކުވައިދިން ވަގުތުކޮޅަކަށެވެ.

ގަލޮޅު ދަނޑުގައި އޮތް ހެވިކަމާއި ކުޅިވަރު ހަރަކާތުގައި ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދޭ ލައިޓް ޝޯވއެއްވެސް ވަނީ ދައްކާލާފައެވެ. ކަނޑުގައި އަތުރާލެވިފައިވާ މުތްތަކެއްފަދަ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކާއި، ބޭރުގެ އަޅުވެތިކަމާއި ޙިމާޔަތުން މިނިވަންކަން ހޯދުމަށް ދިވެހި ބަޠަލުން ކުރި ހިތްވަރާއި، ދިވެހި ޤައުމުގެ ކަންކަން ނިންމުމުގެ މިނިވަންކަން ދިވެހިންނަށް ލިބުނުގޮތާއި، އިސްލާމް ދީނާއި ދިވެހިންގެ އެއްބައިވަންތަކަން މި ލައިޓް ޝޯވްގައި ވަނީ ދައްކައިދީފައެވެ.

ސްކޫލްތަކުން ހުށައަޅައިދިން އައިޓަމްތަކަކީވެސް ދިވެހި ޤައުމު މިނިވަންކަންމަތީ އޮތް އޮތުމާއި އެގޮތުގައި ދެމިގެން ދިއުމަށް ކުރާ އުންމީދު ފެނިގެން ދިޔަ އައިޓަމްތަކެކެވެ. އެގޮތުން ޤައުމާއި ދީން ޙިމާޔަތްކުރުމުގައި އަތުކުރި އޮޅާލި ދިވެހި ބަޠަލުންގެ ރަމްޒު ދައްކުވައިދިން އައިޓަމްތައް ހުށައަޅާފައިވެއެވެ.

އަދި ކާބަފައިންގެ މިންނެތް މަސައްކަތުން ފިލާވަޅު ލިބިގަނެ އަންނަން އޮތް ޖީލުތަކަށް ދިވެހިންގެ މިނިވަންކަން ފޯރުކޮށްދިނުމާއި، ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތާއި، ރަޙްމަތްތެރި ދިރިއުޅުން ދައްކުވައިދޭ ހަރަކާތްތައްވެސް ހުށައަޅާފައިވެއެވެ.

މި ހަރަކާތުގައި އެމްއެންޑީއެފްގެ 350 ސިފައިންނާއި، އަދި 6 ސްކޫލަކުން އެއްހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.