ޚަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓާ ނިމޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ފަހުކޮޅު - ހެރިޓޭޖް މިނިސްޓްރީ


ކަޅުވަކަރު މިސްކިތުގެ މަސައްކަތްތައް ކުރިއަށްދާ މިިންވަރަށް ބަލައި މިސްކިތް ބެހެއްޓުމުގެ މަސައްކަތް ނިމޭނެކަމަށް މިހާރު ލަފާކުރަނީ މިއަހަރުގެ ފަހުކޮޅުކަމަށް ހެރިޓޭޖް މިނިސްޓްރިއިން ބުނެފިއެވެ.

މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ތަރިކަ ހިމާޔަތްކުރުމަށް ކުރަންފެށި މަސައްކަތާއެކު މީހުންގެ ސަމާލުކަން އެންމެ ބޮޑަށް ޢަމާޒުވި އެއް މަސައްކަތަކީ ކަޅު ވަކަރު މިސްކިތުގެ މަސައްކަތެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެރިޓޭޖް މިނިސްޓްރީއިން ކުރުމަށް ނިންމި ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ފެށި މަސައްކަތަކީވެސް ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދާ މިސްކިތް އަލުން ރޭވުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.

ކުރީގެ ސަލްޓަން ޕާކުގައި ހުރި މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ހެދުމަށް އޭރުގެ ސަރުކާރުން 2016ވަނަ އަހަރުއެވެ. އަދި މިސްކިތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބެހެއްޓުމަށް ނިންމުމާއި އަދި ފަހުން ގދ.ތިނަދުއަށް ބަދަލުކުރުމަށްވެސް ނިންމިއެވެ. ނަމަވެސް މިސްކިތް ނެގިތާ 3 އަހަރު ވީއިރުވެސް މިސްކިތް އަލުން ބެހެއްޓުމުގެ އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.

ކަޅުވަަކަރު މިސްކިތަށް 200 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް ބެލެވެއެެވެ. މި މިސްކިތަށް މިހާ ގިނަ ދުވަސް ވުމާއި، މިސްކިތުގެ ބައިތައް ރޫޅާލުމަށްފަހު އަޅާނުލެވި ހުރުމުގެ ސަބަބުން ހަލާކުވެ އަލުން މަރާމާތު ކުރަންވެސް ޖެހުނެވެ.

އެގޮތުން މިސްކިތުގެ ހިރިގަލުގެ ބައިތަކާއި، ލަކުޑީގެ ބައިތަކަށް މަސައްކަތުގެ ފަންނުވެރިންގެ އެހީގައި މިހާރުވަނީ ފަރުވާދީ ނިމިފައެވެ. އަދި ލިޔެލާޖަހާފައި ހުރި ބައިތައް ސާފުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ނިމުމަކާއި ގާތްވެފައިވާކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިސްކިތުގެ ބައިތައް މަރާމާތުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، ލަސްވަމުން އަންނަނީ މިސްކިތް ބެހެއްޓުމުގެ މަސައްކަތެވެ. މިސްކިތް ބެހެއްޓުމަށް އެންމެ ފުރަތަމަ ބަޔަކު ހޯދަން އިޢުލާންކުރީ މިއަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރްޚީބު ނުލިބުމުގެ ސަބަބުން އަނެއްކާވެސް ބީލަމަށް ހުޅުވާލާފައިވެއެވެ.

މިސްކިތުގެ މަސައްކަތް ފެށިތާ 8 މަސްވެފައިވާއިރު، ހެރިޓޭޖް މިނިސްޓްރިއިން ބުނެފައިވަނީ މިސްކިތް ރޭވުމުގެ މަސައްކަތް ނުފެށި ލަސްވަނީ މިސްކިތް ބަހައްޓާތަނުގެ ޑިޒައިން މަސައްކަތްތަކަށް ބަދަލު ގެންނަން ޖެހުމާއި، މިސްކިތް ބެހެއްޓުމަށް ބެނުންވާ ފައުންޑޭޝަން ބެހެއްޓުމަށް ބަޔަކާއި ހަވާލުކުރުމުގައި ލަސްވަމުން އަންނާތީކަމަށެވެ. ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ހެރިޓޭޗް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އިސްމާއިލް ނާއިލް ވިދާޅުވީ މިސްކިތުގެ ސިވިލް މަސައްކަތްތައް ބަޔަކާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

ނާއިލް ވިދާޅުވީ މިސްކިތް ބެހެއްޓުމަށް ހަމަޖައްސާފައިވާ، ކުރީގެ ދިރާގު ހުރި ބިމުގައިވެސް މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން އެ އިމާރާތް ހުރި ބިމުގައި ކޭބަލް މައްސަކަތްތައް ކުރުމަށް ވަޅުލާފައިވާ ބޮޑު ފޮއްޓެއް އޮތުމުން، މިސްކިތުގެ ފައުންޑޭޝަން މަސައްކަތުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެންނަން ޖެހޭކަމަށެވެ. ނާއިލް ވިދާޅުވީ މި ފޮށި ނަގައިފިނަމަ އެތަނުގެ ބިންގަނޑަށް އަންނަ ބަދަލުގެ ސަބަބުން މިސްކިތް ގަނބައިގެން ދިއުންފަދަ ކަމެއް ހިންގާފާނެކަމަށް ލަފާކުރެވޭތީ، އެ ފޮށި ބައިންދައިގެން މިސްކިތް ބެހެއްޓޭނެ ގޮތަކަށް އެތަނުގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާކަމަށެވެ.

މީގެއިތުރުން މިސްކިތުގެ ކަންމައްޗައް ވާގޮތަށް ރަސްރަނި ބަގީޗާގައި ހުރި ޕްލޭ ސެޓްގެ ދަތިކަންވެސް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށްދާ ތާވަލަށް ބަލާއިރު މިސްކިތުގެ ކޮންްކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފެށޭނެކަަމަށް ލަފާކޮށްފައިވަނީ އަންނަ މަހު ފަހުކޮޅުގައި ކަމަށެވެ. ހެރިޓޭޖް މިނިސްޓްރީން ވަނީ މިއަހަރު ފަހުކޮޅަށް މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް ރާވާނީ ހެޓިޓޭޖް މިނިސްޓްރީގައި މަސައްކަތްކުރާ ކަމުގެ ތަޖުރިބާކާރުންނެވެ.

މިސްކިން އަލުން ބަހައްޓަނީ ހެރިޓޭޖް ސައިޓެއްގެ ގޮތުގައެވެ. އަދި މި މިސްކިތް ދެން ބޭނުންކުރާނީ ބަންގިގޮވާ އަދި ޖަމާޢަތުގައި ނަމާދުކުރާ މިސްކިތެއްގެ ގޮތުގައި ނޫން ނަމަވެސް ބޭނުންވާ ފަރާތްތަކަށް މިސްކިތުގައި ނަމާދު ކުރެވޭނެއެވެ.