ކުޅިވަރު

އިންޓަނޭޝަނަލް ގިނަ މެޗްތަށް ލިބުމަކީ ޓީމަށް ލިބޭ ތަޖުރިބާއެއް: ޖަޑާ


ބައިނަލްއަޤްވާމީ ގިނަ މެޗްތަކެއް މިފަހަކަށް އައިސް ޖޫނިއާ ޤައުމީ ޓީމަށް ލިބެމުން ދިއުމަކީ ކުރިމަގަށް ބަލާއިރު އެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއަކަށްވާނެ ކަމަށް އިބްރާހީމް ހަލީމް (ޖަޑާ) ބުނެފިއެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ފަނަރަ އަހަރުން ދަށުގެ ޔުއެފާ އެސިސްޓް މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޖަޑާ ބުނީ، ލެޓްވިއާ އަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމަށް ވުމުން ކުޅުންތެރިން ޕެކްކޮއްލައިގެން ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި މިއަދުގެ މެޗުގައި ބޮޑަށް ބަލާނީ ހާފު ތެރޭ ފައުލް ނުކޮށް ކުޅެވޭތޯ ކަމަށް އޭނާ ބުންޏެވެ. އަދި މި މެޗުގައިވެސް ރާއްޖެ ކޮޅަށް ވަންނަ ލަނޑުތައް މަދުކުރަން މަސައްކަތްކުރާނެކަމަށެވެ.

ޤައުމީ ޓީމުން ފާހަގަ ކުރި ގޮތުގައި މިމުބާރާތުގައި ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ވަނީ ލިބިފައެވެ. އެގޮތުން ފާއިތުވި ދެ އަހަރަށް ބަލާއިރު އެފްއޭއެމް އިން މިޓީމުތަކަށް އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތަކެއް ހޯދައިދީ ކުރިމަގަށް ޓީމުތަށް ބިނާ ކުރަން މަސައްކަތް ކުރާ ކަން ޖަޑާ ފާހަގަ ކުރިއެވެ. މިބައްދަލުވުމުގައި ޕީއެސްއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޖޫނިއާ ޤައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޙާނާން ބުނީ، އެންމެ ބޮޑަށް މިފަދަ މުބާރާތަކުން ދަސްވީ މެޗް ޕްރެޝާރ ހޭންޑްލް ކޮށް ޕްރެޝަރުގައި ކުޅެން ކަމަށެވެ. އަދި މިއަދުގެ މެޗު ޑިފެންސް ކޮށްގެން ކުޅެން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނިއެވެ.

މިމުބާރާތުގައި މިހާތަނަށް ރާއްޖެ އަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، މިއީ ރާއްޖެ އަދި ލެޓްވިއާ ވެސް މުބާރާތުގަ ކުޅޭ 3 ވަނަ މެޗެވެ. ލެޓްވިއާ ވަނީ ލީގް ސްޓޭޖުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައެވެ.