ޚަބަރު

މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ


މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ހަވީރު މާލޭގެ މަގުތަކުގައި އެކި ޙަރަކާތްތައް ކުރިއަށްދާތީ އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރުމަށް ސިޓީކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުު މެންދުރު ފަހު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

މިއަދު ފައިމަގުގައި އުޅޭ ގޮތަށް ނިންމީ މިނިވަންދުވަހާ ގުޅިގެން މާލޭގެ މަގުތަކުގައި ޕެރޭޑާ ރޫޓް މާޗް ކުރިއަށްދާއިރު ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ އިތުރަށް ގިނަ އަދަދެއްގެ ޒުވާނުން އެދުވަހު އެ ހަރަކާތް ބަލާލުމަށްޓަކައި މަގުމައްޗަށް ނުކުމެ އުޅޭއިރު ގެއްލުން ލިބިދާނެތީކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި މީގެ ސަބަބުން ޕެރޭޑް ކުރިއަށްދާ ވަގުތު ޓްރެފިކަށް ދިމާވެދާނެ މައްސަލަތައް ހައްލުވެގެންދާނަކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މިއަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު ދެ އަހަރުގެ މެދު ކެނޑުމަކަށްފަހު ފުޅަނދު ބުރުވެސް އަލުން ބޭއްވުމަށް ވަނީ ނިންމާފައެވެ. ފުޅަނދު ބުރު ނެރުމަށް ހަމަޖެހިފައިވަނީ މިރޭ 20:00ގައެވެ.

ރޭ ގަލޮޅު ދަނޑުގައި ހެވިކަމާއި ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވާއިރު މިއަދު ހަވީރު ޕެރޭޑްވެސް ކުރިއަށްދާނެއެވެ. އަދި މިރޭ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން އިންތިޒާމު ކުރާ "ފަންނާނުންގެ މިޔުޒިކީ އީދު"ގެ ފުރަތަމަ ޝޯ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަންދުވަހުގެ އުފަލުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށް ފުރުޞަތު ދިނުމުގެ ގޮތުް މިމަހުގެ 28 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.