ޚަބަރު

ޗާންދަނީ މަގު ފިހާރައެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި


ޗާންދަނީ މަގުގައި ހުރި ފިހާރައެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ފިހާރައަށް ގެއްލުންތަކެއް ވެއްޖެއެވެ. މިރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މިއަލިފާނުގެ ހާދިސާ ހިނގާފައިވަނީ "ސްލިޕަރސް" ނަމަކަށް ކިޔާ ފިހާރައެއްގައެވެ. މިހާދިސާ ހިނގުމާއެކު އެސަރަހައްދަށް އެމްއެންޑީއެފް ގެ ފަޔަރ އެންޑް ރެސްކިއު އިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އެސަރަހައްދަށް ދިޔަ ޕީއެސްއެމް ގެ ރިޕޯޓަރުން ބުނިގޮތުގައި، ގާތްގަނޑަކަށް 10 ފޫޓް 10 ފޫޓް ގެ ދެބުރިއަށް ހަދާފައި ހުރި މި ކުޑަ ފިހާރައިގައި އަލިފާން ހިފާފައިވަނީ ތިރީ ބުރީގައެވެ. އަދި ތިރީ ބުރީގައި ހުރީ ގޮނޑިސެޓް ހެދުމަށް ބޭނުންކުރާ ޒާތުގެ ކުޝަން ސާމާނު ކަމަށާއި އެތަކެތި ވަނީ އަނދައިގެން ގޮސްފައެވެ.ފިހާރައިގެ މަތީ ބައިގައި ހުރީ ފައިވާން ވިއްކާ ބައެއް ކަމަށާއި އެބަޔަށްވެސް ދުމުގެ އަސަރު ކޮށްފައިވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓަރުން ބުނެއެވެ. ފުލުހުން މިހާރު ގެންދަނީ މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށްޓަކާ ތަހްގީގް ކުރަމުންނެވެ.