ކުޅިވަރު

ދީމާ، ރަފާ، ޖުމާނާ، މުއީނާ، ޒީސްތު އަދި ޝައްފާން ޓީޓީ ސިންގަލްސް ގަދަ ސޯޅައަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓްގެ ގަދަ ސޯޅައިގެން ރާއްޖޭގެ ހަ ކުޅުންތެރިއަކު ޖާގަ ހޯދައިފިއެވެ.

ޓޭބަލް ޓެނިސް އަންހެން ސިންގަލްސް ގަދަ ސޯޅައިން ރާއްޖޭގެ ހުރިހާ ކުޅުންތެރިން ޖާގަ ހޯދިއެވެ. ޖާގަ ހޯދި ހަތަރު ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީއާއި، އައިޝަތު ރަފާ ނާޒިމް މުއީނާ މުޙައްމަދުގެ އިތުރުން ޖުމާނާ ނިމާލްއެވެ.

މި ކުޅުންތެރިންގެ ތެރެއިން ރަފާ، ދީމާ، އަދި ޖުމާނާ ޖާގަ ހޯދީ އެ ކުޅުންތެރިން ވާދަކުރި ގްރޫޕްތަކުގެ އެއްވަނަ ހޯދައިގެންނެވެ. މުއީނާ ދެވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ ސޯޅައިން ޖާގަ ހޯދި ފިރިހެން ދެ ކުޅުންތެރިންނަކީ ޒީސްތު ނަސީމާއި، ޝައްފާން އިސްމާއިލްއެވެ. ދެ ކުޅުންތެރިންވެސްވަނީ ކުޅުނު ގްރޫޕްތަކުން އެއްވަނަ ހޯދާފައެވެ.

މި ކުޅުންތެރިންގެ އިތުރުން މޫސާ މުންސިފަށް ގަދަ 16އަށް އެރުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ މާދަމާ ކުޅޭ ޕްލޭއޮފް މެޗުން މޮޅުވެގެންނެވެ. ފިރިހެން ސިންގަލްސްގައި ދެން ވާދަކުރި އަހުމަދު މުންތިފްވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.