ސިއްހަތު

"ވޫންޑް ކެއަރ މެނޭޖްމަންޓް ވޯކްޝޮޕް 2015" ފަށައިފި


ހަށިގަނޑުގެ ބޭރުގައި އުފެދޭ ފާރުތަކަށް ފަރުވާކުރާނެ އާގޮތްތައް ރާއްޖޭގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ދަސްކޮށްދޭ "ވޫންޑް ކެއަރ މެނޭޖްމަންޓް ވޯކްޝޮޕް 2015" ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަށްޓަވައިދެއްވައިފިއެވެ.މޯލްޑިވްސް އެސޯސިއޭޝަން ފޯރ ސާޖަންސް އިން އިންތިޒާމްކޮށްގެން ހޮޓެލްޖެންގައި މިއަދު ފެށި މި ވޯކްޝޮޕަކީ، މާލޭގެ ހޮސްޕިޓަލްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުގެ ބައެއް ޑޮކްޓަރުންނާއި، ނަރުހުން ގެ ތެރެއިން 90 ފަރާތަކުން ބައިވެރިވާ ވޯކްޝޮޕެކެވެ.މި ވޯކްޝޮޕާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން  މޯލްޑިވްސް އެސޯސިއޭޝަން ފޯރ ސާޖަންސްގެ އެކަޑަމިކް ސެކްރެޓްރީ، ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ، ވޫންޑް ކެއަރ ނުވަތަ ފާރުތަކަށް ރާއްޖެއިން ފަރުވާ ދެވެނީ ވަރަށް ކުރީގެ ގޮތަކަށްކަމަށާއި، މިވޯކްޝޮޕްގައި ތަފާތު ގޮތަކަށް އެމަސައްކަތް ކުރާނެ ގޮތްތައް ކިޔައިދީ އަމަލީގޮތުން އެކަން ކުރާނެގޮތްވެސް ކިޔައިދެވޭނެކަމަށެވެ.ތިންދުވަހުގެ މުއްދަތަށް ކުރިޔައްގެންދާ މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މެލޭޝިޔާގެ ވޫންޑް ކެއަރ ސޮސައިޓީގެ ރައީސާއި، އެގައުމުގެ ބައެއް  ހޮސްޕިޓަލްތަކުގެ ކަމާގުޅުންހުރި ތަޖުރިބާކާރުންކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ސާޖަންސްއިން މައުލޫމާތުދެއެވެ.