ކުޅިވަރު

ބައިނަލްއަޤްވާމީ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލުން ބޫޓާން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި


ޔޫއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ އިންޓަނޭޝަނަލް މުބާރާތުގައި ފަހަތުން އަރާ ސައުދީ ބަލިކޮށް ބޫޓާން ބައިނަލްއަޤްވާމީ މުބާރާތެއްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ސިޓީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މިމެޗު ބޫޓާން ކާމިޔާބުކުރީ ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. ފަހަތުން އަރާ ބޫޓާން މިމެޗު ކާމިޔާބުކުރުމާއި އެކު ބޫޓާން ވަނީ ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެން ދިޔައެވެ. އެގޮތުން އެގޮތުން ފުރަތަމަ ހާފުގައި ބޫޓާނުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު ސައުދީ ޓީމަށް ކާމިޔާބުކޮށްދިނީ ޝްރަހީލީއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުމާއި އެކު ބޫޓާން ޓީމުން ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން ބޫޓާން ޓީމުން ސައުދީ ހާފުތެރޭ ބޯޅަ ޕްރެސް ކޮށްގެން ކުޅުނު ތަން ފެނިގެން ދިޔައެވެ. މިހާފުގައި ބޫޓާން ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޖެހީ 51 ވަނަ މިނެޓުގައި މުޅި މުބާރާތުގައި ވެސް ބޫޓާން ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޔޯއެޒަން ރަބްގޭ އެވެ. މި ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ބޫޓާން ޓީމުން މަތިން ހުރަސް ކޮއްލި ބޯޅައެއް 59 ވަނަ މިނެޓުގައި ޖުގްމޭ ނަމްގްޔާލް ފަޔައް އެރި ވަގުތު ޖަހާ، ކީޕަރުގެ ބޯމަތިން ފޮނުވާލުމުން ގޮސް ވަނީ ގޯލްގެ ތެރެއަށެވެ. މި މެޗުގައި ސައުދީ ކުޅުންތެރިއަކު ބޯޅަ ނެތި ބޫޓާން ޓީމު ކުޅުންތެރިއަކަށް ހަމަލާ ދިނުމުން ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބޫޓާން ކޯޗު އަޓްސުޝީ ނަކަމޫރާ ބުނީ، ސައުދީ ޓީމަކީ ބޫޓާން ޓީމާއި އަޅާ ބަލާއިރު ހުރިހާ ގޮތަކުން ރަނގަޅު ޓީމެއް ކަމަށެވެ. ނަމަވެސް ސައުދީ ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް ދިރާސާ ކޮށް ދެނަގެނެ، ބުޓާން ޓީމުން ވަރަށް އަވަހަށް ކަންކަން ދަސްކުރުމުގެ ހުނަރު ހުރި ކަން އޭނާ ފާހަގަ ކުރިއެވެ.

3 މެޗު ކުޅެ 2 މެޗުން ބަލިވުމާއި އެކު ސައުދީ ކޯޗު މުހައްމަދު އަމީން ބުނެފައިވަނީ މިއީ ކުޅުންތެރިންނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިގެން ދިޔަ މުބާރާތެއް ކަމަށެވެ. އަދި އެކުޅުންތެރިންގެ މުސްތަޤްބަލް އުޖާލާ ކަން އޭނާ ފަހަގަ ކުރިއެވެ. އަމީން ފާހަގަ ކުރި ގޮތުގައި ޓީމުގެ ކޮޅަށް 2 ގޯލް ވަދެފައިވަނީ އެޓީމުގެ މިސްޓޭކް ސަބަބުންނެވެ.

މިމެޗުން ބުޓާން މޮޅުވުމާއި އެކު މުބާރާތުގައި ފައިނަލުގައި ވާދަ ކުރާނީ މިމަހުގެ 29 ވަނަ ދުވަހު ބުޓާން އާއި ލެޓްވިއާއެވެ. މިމުބާރާތުގައި މާދަމާ ކުޅޭނީ ދިވެހި ރާއްޖެ އާއި ލެޓްވިއާ ބައްދަލުކުރާ މެޗެވެ.