ސިއްހަތު

އާސަންދައިގެ އޮފީހެއް އަވަށްޓެރި ޝްރީލަންކާގައި ހުޅުވައިފި


އާސަންދައިން ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން
އާސަންދައިގެ އޮފީހެއް އަވަށްޓެރި ޝްރީލަންކާގައި ހުޅުވައިފިއެވެ.



ޝްރީލަންކާގައި ހުންނަ ސޯސަންވިލާގައި ބޭއްވި ހާއްސަ
ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައި ދެއްވީ ކުރީގެ ހެލްތް މިނިސްޓަރ އަދި
މިހާރުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙުމަދު ޒުޙޫރުއެވެ.



މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ
ޒުޙޫރު ވިދާޅުވީ، ޝްރީލަންކާއަކީ އެންމެ ގިނަ ދިވެހިން ބޭސް ފަރުވާ ހޯދަން އަންނަ
ޤައުމު ކަމަށާއި އާސަންދައިގެ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް މި އޮފީހުގެ
ސަބަބުން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ
ސިއްޙީ ދާއިރާ ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބީއެއް
ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ ކުރިން އާސަންދަ ޚިދުމަތް ލިބެނީ ވަރަށް
ޙާލުން ކަމަށާއި އެހެންނަމަވެސް މިއަދު ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުންނާއި
ސްޕެޝަލިސްޓުން ހަރަކާތްތެރިވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ޝްރީލަންކާގައި ހުޅުވިގެން ދިޔަ އާސަންދަ އޮފީހުން
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޮޑެތި ބަލިތަކަށާއި، އެކްސިޑެންޓް ފަދަ އަވަސް
ފަރުވާ ބޭނުންވާ ހާލަތްތަކުގައި، ވަގުތުން ފަރުވާދެވޭނެ އިންތިޒާމުތައް
ހަމަޖެހިގެންދާނެ ކަމަށް އާސަންދަ ކޮމްޕެނީއިން މައުލޫމާތު ދެއެވެ. އަދި މިކަމުގެ
ސަބުން ރާއްޖެއިން ފަރުވާ ހޯދަން ލަންކާއަށް އަންނަ ދިވެހިންނަށާއި ލަންކާގައި
އުޅޭ ދިވެހިންނަށް ބޮޑެތި ލުއި ތަކެއް ލިބިގެންދާނެ ކަމަށް އާސަންދަ ކޮމްޕެނީއިން
މައުލޫމާތު ދެއެވެ.



މީގެ އިތުރުން އާސަންދައިގެ އޮފީހެއް އިންޑިޔާގެ
ޓްރިވެންޑަމްގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް
އެކޮމްޕެނީއިން މައުލޫމާތު ދެއެވެ.



ސޯސަންވިލާގައި ބޭއްވި މި ރަސްމިއްޔާތުގައި
ދިވެހިރާއްޖެއިން ޝްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ
ޒަރީރާއި، އާސަންދަ ކޮމްޕެނީގެ އެމްޑީ މައުމޫން އަބްދުއް ސަމަދާއި، އެންސްޕާގެ
ސީއީއޯ މުޖުތަބާ ޖަލީލާއި އަދި ރައީސް އޮފީހުގެ އަންޑަރ ސެކެޓްރީ ޑރ. ހުސައިން
ފާއިޒު ގެ އިތުރުން ހައިކޮމިޝަންގެ ބޭފުޅުން ބައިވެރިވެޑައި ގެންނެވިއެވެ.