ލެޓްވިއާ ޓީމަށް ވުރެއް ސައުދީ ޓީމު ބަލި ކުރަން ފަސޭހަ ވާނޭ ކަމަށް ބޫޓާން ކޯޗު އަޓްސުޝީ ނަކަމޫރާ ބުނެފިއެވެ.
ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި މިއަދު ހަވީރު ބުޓާން އާއި ސައުދީ ޓީމު ވާދަ ކުރާ މެޗާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބޫޓާން ކޯޗު ބުނީ، ލެޓްވިއާ ޓީމާއި އަޅާ ބަލާއިރު ބޫޓާން ޓީމަށް ސައުދީ ބަލިކޮއް ކުރިއަށް ދާން ފަސޭހަ ވާނެ ކަމަށެވެ.
އޭނާ ބުނި ގޮތުގައި މިމެޗަށް ބޫޓާން ޓީމުން ކުޅުމުގެ ސްޓައިލަށް މާބޮޑު ބަދަލެއް ގެންނަން ވިސްނާފައި ނެތް ކަމަށެވެ. ނަމަވެސް ސައުދީ ޓީމުގައި ލެޓްވިއާ ޓީމުގައި ތިބި ފަދަ ބިޔަ ކުޅުންތެރިން ނެތުމުން ފިޒިކަލީ އެހާ ބޮޑު ތަފާތެއް ފެނިގެން ނުދާނެ ކަމަށް ބުޓާން ޓީމުން ބުންޏެވެ. މީގެ އިތުރުން ކޯޗު ބުނީ މިއަންނަ މެޗަށް ދެވަނަ ކީޕާރު ބޭނުން ކުރާނެ ކަމަށެވެ. މީގެ ސަބަބުން ދެވަނަ ކީޕަރަށް ތަޖުރިބާ ލިބި ކުރީ މެޗުގައި ކީޕަރު އަތުން ހެދުނު ގޯސްތަށް މަދު ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ސައުދި އަރަބިއްޔާ އަދި ބޫޓާން މެޗުން މިއަދު ދެޓީމުން ކުރެ ކޮންމެ ޓީމެއް މޮޅުވިއަސް އެޓީމު ފައިނަލަށް ދާނެއެވެ. އަދި ބަލިވާ ޓީމެއް މުބާރާތުން ކަޓާނެއެވެ. އެހެން ކަމުން މުބާރާތުގައި ކުރިޔަށްދިއުމަށް މި މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ.