ވިޔަފާރި

އަނބު ހައްދާ ފަރާތްތަކަށް މާކެޓް ނުލިބި ބޮޑެތި ގެއްލުންތަކެއް


ފުވައްމުލަކުގައި އެންމެ ގިނައިން ހައްދާ އެއް ބާވަތަކީ  އަނބެވެ. ނަމަވެސް އަނބު ހައްދާ ފަރާތްތަކަށް އަދިވެސް އަނބު ވިއްކާނެ މާކެޓެއް ނެތުމުގެ ސަބަބުން ކޮންމެ އަނބު މޫސުމެއްގައި ބޮޑެތި ގެއްލުންތައް ވަމުން އަންނަކަމަށް އެފަރާތްތަކުން ބުނެއެވެ.ފުވައްމުލަކު އަނބަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަޝްހޫރު އެއްޗެއްކަމުގައި ވާއިރު މިރަށުގެ ހުރިހާ ގެއެއްގައިހެން އަނބުގަސް ހައްދާފައި ހުންނަކަން ފާހަގަކުރެވެއެވެ.ކޮންމެ އަނބު މޫސުމެއްގައި ފުވައްމުލަކުގެ އަނބުތަކުން ލޯކަލް މާރުކޭޓް ފުރޭއިރު، ލޯކަލްމާރުކޭޓުން އެ ފެންނަނީ ފުވައްމުލަކުގައި ހައްދާ އަނބުގެ ތިންބައިކުޅަ އެއްބައިކަމަށް ފުވައްމުލަކުގައި އަނބު ހައްދާ ފަރާތްތަކުން ބުނެއެވެ.ލޯކަލް މާރުކޭޓުން ފެންނަ އަނބަކީ ފުވައްމުލަކުގައި ހައްދާ އަނބުގެ ތިންބައިކުޅަ އެއްބަޔަށްވާއިރު މިރަށުގައި ހައްދާ އަނބުގެ 70 އިންސައްތަ އަނބު، މާކެޓްނުކުރެވި ހަލާކުވަމުންދާކަމަށް މިފަރާތްތަކުންވަނީ ބުނެފައެވެ. އެގޮތުން ގަހުގައި ހުރެ އަނބުތައް ދޮންވެ ބިންމައްޗަށް ވެއްޓި ހަލާކުވާއިރުވެސް މިއަނބުތައް ވިއްކާނެ ގޮތެއް އަދި އެހެން ތަނަކަށް ފޮނުވާނެގޮތެއްވެސް ނެތްކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.މީގެ މާކެޓެއް އޮތީ މާލޭގައިކަމަށްވީއިރު ދަތުރުފަތުރުގެ ނިޒާމް ހަމަޖެހިފައިވާގޮތުން ގިނަ އަނބުތަކެއް މާލެގެންދިއުމަކީ ދަތިކަމެއްކަމަށްވެސް މިފަރާތްތަކުންބުނެއެވެ.ފުވައްމުލަކުގައި ހައްދާ އަނބުގެ ތެރެއިން ގިނަބައެއް ހަލާކުވަމުންދާއިރު ފުވައްމުލަކުގެ އެއް އަވަށަށް ނިސްބަތްވާ ފުނާޑު ކޯޕަރޭޓިވް ސޮސައިޓީން ބުނީ ފުވައްމުލަކު އަނބަށް މާކެޓެއް ހޯދައިދިނުމުގައި އެފަރާތްތަކަށް ދަތިތަކެއް ކުރިމަތިވެފައިވާކަމުގައެވެ.ފުވައްމުލަކު އަނބަށް މާކެޓެއް ނުލިބި ހަލާކުވަމުންދާއިރު މާލެގެނެސް ފުވައްމުލަކު އަނބު ލޯކަލް މާރުކޭޓްގައި ވިއްކަމުންދަނީ އަނބެއް 3 ރުފިޔާއައީ 5 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.މިކަމަށް ހައްލެއް ނުލިބި ގިނަދުވަސްތަކެއްވެފައިވާއިރު ފިޝަރީޒް މިނިސްޓަރޑރ މުހައްމަދު ޝައިނީ ވިދާޅުވީ ފުވައްމުލަކު އަނބަށް މާކެޓެއް ހޯދައިދިނުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި ވަރަށް އަވަހަށް މިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ޕެކެޓްކޮށްފައި މިބާވަތްތައް ބާޒާރަށް ނެރުމަށް މިހާރު މަސައްކަތްކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ދަނޑުވެރިން ހައްދާ ބާވަތްތައް ބާޒާރުގައި ވިއްކާ އެފަރާތްތަކަށް ނަފާ ހޯދާދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ބައެއް އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ދަނޑުވެރިން އުފައްދާ ބާވަތްތަށް މާކެޓްކުރުމަށް ގިނަމަސައްކަތްތަކެއް ކުރެވެމުންދެއެވެ.