ޚަބަރު

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ހަބީބް ބޭންކުން ހަފްލާއެއް ބާއްވައިފި


ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހަބީބް ބޭންކުން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިއަދު އެ ބޭންކުގައި ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙުސައިން ޝަހީމްއާއި ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިވަންދުވަސް ފާހަގަ ކުރުމަށް ހަބީބް ބޭންކުގައި ބޭއްވި ހަފްލާގައި ވަނީ ކޭކެއްވެސް ފަޅާފައެވެ. މި ހަފްލާ ކުރިއަށްގެންގޮސްފައިވަނީ މެންދުރުގެ ކެއުމާވެސް އެކުގައެވެ.

މި ހަފްލާގައި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާޑް ވަސީމް އަކްރަމް ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނާއި އަބަދުވެސް އޮންނަނީ ގާތް ގުޅުމެއް ކަމަށާއި އަބަދުވެސް ރާއްޖެއަށް އުފާފާގަތިކަން އެދޭކަމަށެވެ. ސަފީރު ވަނީި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާވެސް ފޮނުވާފައެވެ.

މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސައިން ޝަހީމް ވިދާޅުވީ ހަބީބް ބޭންކުން މިފަދަ ހަފްލާއެއް ބާއްވާ، މި ހަފްލާއަށް ދައުވަތު ދިނުމަކީ އުފާ ކުރާކަމެއްކަމަށާ، ހަބީބް ބޭންކަކީ ދިވެހިންނަށްވެސް ގިނަ ޚިދުމަތްތަކެއް ދެމުން އަންނަ ބޭންކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ 54ވަނަ މިނިވަސްދުވަހުގެ މުނާސަބާ ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ރާވަމުންނެވެ. އެގޮތުން ޝަރަފުގެ ހިނގާލުމާއި މިޔުޒިކް ޝޯއ އާއި ފުޅަނދުބުރުވެސް ހިމެނެއެވެ. މިނިވަންދުވަހާއި ގުޅިގެން ފާހަގަކުރާ ހަފްލާތައް ފެށިގެންދާނީ މިރޭ ދަރުބާރުގޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހާއި އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވާ ރަސްމީ ބައްދަލުވުމުންނެވެ.