ސިޔާސީ

މެންބަރުންނަށް އިންޒާރުދޭތީ ސެކިއުރިޓީ ދޭންފަށަނީ


ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރުދައްކަމުންދާ މައްސަލާގައި އެ މެންބަރުންނަށް ރައްކާތެރިކަން ދިނުމަށް އެމްއެންޑީއެފްގައި އެދިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދިނުމަށް މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ، ބައެއް މެންބަރުންނށް ބިރުދައްކާ އިންޒާރުދޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް ބިރުދައްކާ އިންޒާރުދޭނަމަ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް އެކަމެއް ގެނައުމުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އެދޭކަމަށް އަމީން ޢާންމު ވިދާޅުވިއެވެ. މިހާތަނަށް އިންޒާރުދީ ބިރުދައްކާފައިވަނީ ކޮން މެންބަރުންނަކަމަށްކަމެއް އަމީން ޢާންމު ވިދާޅެއްނުވެއެވެ.

"މެންބަރަކަށް އެފަދަ ތްރެޓެއް ލިބިވަޑައިގެންފިނަމަ އެ މެންބަރަކު މަޖިލީހުގެ ރައީސްއަށް އެންގެވުމުން އަޅުގަނޑުމެން އެކަން މި އަންގަނީ މިނިސްޓްރީ އޮފް ޑިފެންސްއަށް" އަމީން ޢާންމު ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް މެއި މަހު ފެށީ ގިނަ ޢަދަދެއްގެ ކޮމިޓީތަކުގެ މަސައްކަތްތަކާއެކުއެވެ. އެގޮތުން ސަތާރަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު ދައުލަތުގެ ވުޒާރާތަކާއި ސަރުކާރުގެ މުއައްސަސާތައް އަދި މިނިވަން މުއައްސަސާތަކުގެ ވެރިން ޙާޒިރުކޮށް މަޢުލޫމާތު ހޯދާފައިވެއެވެ. އޭގެތެރޭގައި ކުރީ ސަރުކާރުގައި ހިނގާދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ޝަރުޢީ ދާއިރާއާއި ގުޅޭ ގިނަ މަސައްކަތްތަކެއްވެސް ކޮމިޓީތަކުން އަންނަނީ ކުރަމުންނެވެ. އެނގިފައިވާގޮތުގައި އިންޒާރުދީ ބިރުދެއްކި މެންބަރުންގެ ތެރޭގައި މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންވެސް ހިމެނެއެވެ.