ފުޓުބޯޅައިގައި މުޅި ރާއްޖެ ޝާމިލުކޮށް، ބައިވެރިކުރުމުގެ އަޒުމުގައި މިދިޔަ އަހަރު ފެށި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެފްއޭއެމް އިން ބުނީ، އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ 17 އޮކްޓޯބަރުގައި ކަމަށެވެ.
ކުރިން އޮތްގޮތުން މި މުބާރާތުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ސުންގަޑި، މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
އެފްއޭއެމް އިން އެފަހުން ކުރި އިއުލާނެއްގައި ބުނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވާތީވެ، ވަރަށް ގިނަ ރަށްތަކުން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދެމުންދާތީވެ، 27 ސެޕްޓެމްބަރ 2026 ގެ ނިޔަލަށް އިތުރު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން، އެކަމަށް ޙާއްސަކޮށްފައިވާ ފޯމު (https://docs.google.com/forms/d/e/1FAIpQLSfvMbcMjPzG0LG_AoTlKgq7s3ER_9wCPNFP7fKAf23b-KZSjA/viewform?pli=1) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެފްއޭއެމް އިން އެދިފައިވެއެވެ.
މުބާރާތުގައި ބައިވެރިވެވޭ މުއްދަތު ހަމަވެ، ޓީމުތައް ބައިވެރިވެ ނިމުމުން، ރީޖަންތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް އަންގާނެކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ނުވަތަ ރީޖަންއަކަށް ބަހާލައިގެން، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސް، ފާއިތުވީ ސީޒަނުގައި އެފްއޭއެމް އިން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
އެޓޯލް ޗެމްޕިއަންޝިޕުގައި ނަތީޖާ ނެރޭ ޓީމުތަކަށް ޒޯން ބުރެއް ބާއްވައި، އެއަށްފަހު ރީޖަނަލް ކޮލިފިކޭޝަންކުޅެ، އޭގެއިން ޓީމުތަކަށް މާލޭގައި ބާއްވާ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު މިހާރު އޮވެއެވެ. އަދި ލީގު ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެން، ދިވެހި ލީގަށް ކޮލިފައި ވެވޭއިރު، މި މަހުގެ 10ވަނަ ދުވަހު ފެށި މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި މި މަރުހަލާތައް ކަނޑަތުކޮށް، ދިވެހި ލީގުން ޖާގަ ހޯދާފައިވާ ހއ. ދިއްދޫއާއި ގދ. ގައްދޫ އަންނަނީ ވާދަކުރަމުންނެވެ.