ވިޔަފާރި

ދަނޑުވެރިކަމާއި ގުޅޭ ތަމްރީނު ހޯދުމަށް 6 ދިވެއްސަކު އިންޑިއާއަށް


ދަނޑުވެރިކަމުގެ ދާއިރާގައި ފަންނީ މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހަ ދިވެއްސަކު އިންޑިއާއަށް ފޮނުވުމަށް ނިންމައިފިއެވެ.

މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނުގެ އެހީއާއެކު ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ރަށްތަކަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީނުކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދޫ، ގއ. މާމެންދޫ، ފުވައްމުލައް އަދި ފިޝަރީޒް މިނިސްޓްރީގެ ބޭފުޅަކާއިއެކު ޖުމްލަ 6 ބޭފުޅުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ މިއީ ދަނޑުވެރިކަމުގެ ސިނާޢަތު ތަރައްޤީކޮށް މިދާއިރާގައި ކިޔަވައި ތަމްރީނު ހޯދައިގެން ތިބި ބޭފުޅުން ބިނާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލި މިފުރުސަތުގައި މަދު ބޭފުޅަކު ބައިވެރިވުމަކީ ހިތާމަކުރައްވާކަމެއްކަމަށާއި އުއްމީދަކީ މިފަދަ ޕްރޮގްރާމުތަކަށް އާންމުން ޝައުޤުވެރިވެ މިދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އާންމުންގެ އެއްބާރުލުން ލިބުންކަމަށެވެ.

އަދި މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެދެވޭ ނަތީޖާއެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

" ދަނޑުވެރިކަން ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާއަށް ފުރުމަށް ހަ ބޭފުޅުން ވެސް ލިބުނީ ވަރަށް ދަތިކަމާއެކު. މި ޕްރޮގްރާމު ލަސްވެގެންދިޔައީވެސް ބައިވެރިވާނެ ބޭފުޅުން މަދުވުމާއިގުޅިގެން. އަޅުގަނޑުމެންގެ އުއްމީދަކީ ދަނޑުވެރިކަމަށް ވެސް ރަނގަޅު އަހައްމިއްޔަތުކަމެއްދީގެން މަސައްކަތްކުރުން. އަދި މިހާރު ލާމަރުކަޒީ އުސޫލުން ދަނޑުވެރިކަމުގެ ތަމްރީނު ލިބިފައިތިބި ބޭފުޅުން ރަށްރަށުގެ ކާމިޔާބީއަށް މަސައްކަތްކުރުން" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓަމިލްނާޑޫ އެގްރިކަލްޗަރ ޔުނިވަރސިޓީގައެވެ. މި ޕްރޮގްރާމުގެ ބައިވެރިންގެ ހުރުމާއި އެހެނިހެން ކަންތައްތައް ބަލަހައްޓައިދޭނީ މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންގެ ފަރާތުންނެވެ.

މިމަހުގެ ކުރީކޮޅު މުހައްމަދު އުމަރު މަނިކު ފައުންޑޭޝަންއާއި މިނިސްޓްރީއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ފީލްޑް އޮފިސަރުން ތަމްރީނުކުރުމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ބެޗްލާސް ޑިގްރީ ހާސިލްކުރަން 3 ސްކޮލަރޝިޕްގެ ފުރުސަތުވެސް ދީފައިވެއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތައް އަދި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމަށާއި ޕެރަސައިޓް ބްރީޑް ކުރުމަށް ލެބޯޓްރީއެއް ގާއިމް ކުރުންވެސް މިއެއްބަސްވުމުގައި ހިމެނެއެވެ.