ޚަބަރު

ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުންވާ ޒާތުގެ ކަންކަން ނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި


ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ބައެއްކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެފަދަ ކަންކަން ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

އީޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ފެނާއި ނަރުދަމާގެ ޚިދުމަތްދޭ ބައެއް ރަށްރަށުގައި ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސް-ކަނެކްޝަން ހެދުމާއި ރަށުތެރޭގައި ފެން ބޮޑުވުމުން އެފެނާއި ދިޔަދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާ ގުޅުވުންފަދަ ކަންކަން ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މެއިންހޯލްގެ މަތިގަނޑު ނެގުމާއި ގޭގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސްހިންދާ ވަޅުގަނޑު ބެހެއްޓުމުގެ އިތުރުން ގޭގެ ގޯތިތެރޭގައި ކެޗްޕިޓްގެ އިތުރުން އިތުރު ނަރުދަމާ ޖަންގްޝަނެއް ބަހައްޓާފައި ހުރުންފަދަ ކަންކަންވެސް އެއެޖެންސީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

މިފަދަ ޢަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ނުހަނުބޮޑެތި ގެއްލުންލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަޣައްޔަރުވާކަން އީ.ޕީ.އޭއިން ފާހަގަކުރައްވައެވެ. އަދި ފެނުގެ ނިޒާމުގައި ކްރޮސް-ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަޣައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއްކަންވެސް އެއެޖެންސީން ފާހަގަކުރައްވައެވެ.

މިފަދަ ޢަމަލުތަކަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނާ ޚިލާފު ކަންކަމުގައިވާތީ އެފަދަ ޢަމަލުތައް ނުކުރުމަށް އީ.ޕީ.އޭއިންވަނީ ޢާއްމުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.