ކުޅިވަރު

ދިމާ އާއި ރަފާއަށް ރަން މެޑަލް، މުއިނާ އާއި ޖުމާނާއަށް ރިހި މެޑަލް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ރަފާ ނާޒިމް އާއި ފާތުމަތު ދިމާ އަލީގެ ޕެއަރ ރަން މެޑަލް ހޯދައިފިއެވެ.

ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ރަފާ ނާޒިމް އާއި ފާތިމަތު ދިމާ އަލީގެ ޕެއަރ ރަން މެޑަލް ހޯދާފައިވަނީ ފައިނަލްގައި ރާއްޖޭގެ ދެވަނަ ޕެއަރ ކަމަށްވާ މުއީނާ މުޙައްމަދު އާއި ފާތިމަތު ޖުމާނާގެ ޕެއަރ ސީދާ 4 ސެޓުން ބަލިކޮށްގެންނެވެ. ރާއްޖޭގެ ދެ ޕެއަރ ފައިނަލްގައި ވާދަކުރަން ޖެހުނީ ސެމީ ފައިނަލްގައި ރަފާ އާއި ދިމާގެ ޕެއަރ މޮރިޝަސްގެ ޕެއަރ ބަލިކޮށްގެން އަދި މުއީނާ އާއި ޖުމާނާ ފައިނަލުން ޖާގަ ހޯދީ މަޑަގަސްކަރައިގެ ޕެއަރ ބަލިކޮށްގެންނެވެ.

ފައިނަލްގައި ރަފާ އާއި ދީމާގެ ޕެއަރ މުއިނާ އާއި ޖުމާނާގެ ޕެއަރ ބަލިކުރީ 11-5، 11-8، 11-8 އަދި 11-9 އިންނެވެ. ރާއްޖޭގެ މިދެ ޕެއަރ ފައިނަލް މެޗްއަށް ނިކުތްއިރުވެސް ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓްގެ ރަން މެޑަލްއާއި ރިހި މެޑަލްވަނީ ޔަގީންވެފައެވެ. ފައިނަލް މެޗްއިން މޮޅުވެ ދިމާ އާއި ރަފާގެ ޕެއަރވަނީ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްބައިން ރަން މެޑަލް ހޯދާފައެވެ އަދި ރިހި މެޑަލް ލިބުނީ މުއީނާ އާއި ޖުމާނާގެ ޕެއަރއަށެވެ.

ސެމީފައިނަލް މެޗްގައި ދިމާ އާއި ރަފާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޑަބަލްސް ޕެއާރއާއިއެވެ. ރަފާ އާއި ދިމާ މޮރިޝަންގެ އެއް ނަންބަރު ޕެއަރއާއި ވާދަކުރި ސެމީ ފައިނަލް މެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ މޮރިޝަސްއިންނެވެ. އެއީ 11-2 އަދި 11-9 އިންނެވެ. ނަމަވެސް ރާއްޖޭގެ ދިމާއާއި ރަފާވަނީ ކުޅުން ރަގަނޅުކޮށް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށްފައެވެ.

11-7 އަދި 16-14 އިން ތިންވަނަ ސެޓްއާއި ހަތަރު ސެޓް ރަފާ އާއި ދިމާގެ ޕެއަރ ކާމިޔާބުކޮށް ފައިނަލްއަށް ދިއުމުގެ އުއްމީދު ވަރަށް ބޮޑަށް އާކުރިއެވެ. އަދި މެޗްގެ ފަސްވަނަ ސެޓް 12-10އިން ކާމިޔާބުކުރިއެވެ. މޮރިޝަސްގެ ޕެއަރއިން މެޗްގެ 6ވަނަ ސެޓް 11-7ކުން ކާމިޔާބުކޮށް ނަތީޖާ ނެރުމަށް އެންމެ ފަހު ސެޓްއަށް ގެންދިޔައެވެ. މެޗްގެ 7ވަނަ ސެޓް ރާއްޖޭގެ ޕެއަރ ރަފާއާއި ދިމާ ކާމިޔާބުކޮށް ފައިނަލްއިން ޖާގަހޯދީ 11-6ކުން މޮރިޝަސްގެ ޕެއަރ ބަލިކޮށްގެންނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މުއީނާ މުހައްމަދު އާއި ޖުމާނާ ނިމާލް ކާމިޔާބުކޮށްފައިވަނީ ސީދާ ހަތަރު ސެޓުންނެވެ. ބެސްޓް އޮފް 7 އަށް ކުޅޭ ޑަބަލްސްބައިގެ މުއިނާ އާއި ޖުމާނާ މެޗް ކާމިޔާބުކޮށްފައިވަނީ މަޑަގަސްކަރާގެ ޕެއަރއާއި ވާދަކޮށްގެނެވެ. މިމެޗްގެ ސެޓްތައް މުއިނާ އާއި ޖުމާނާ ގެންދިޔައީ 11-5، 11-8، 11-7 އަދި 12-10 އިންނެވެ.