ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާވިއްކުން ރަސްމީކޮށް ލޯންޗުކޮށްފި


މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާވިއްކުން ނުވަތަ އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައިޕީއޯ) ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއައިބީގެ އައިޕީއޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ.

ފުރަތަމަ ފަހަރަށް އާންމުކޮށް ހިއްސާވިއްކުން ނުވަތަ އިނިޝިއަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) ރަސްމީކޮށް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން އެމްއައިބީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އަބުލް އިހްތިޝާމް އަބުލް މުހައިމިން ވިދާޅުވީ، އަލަށް ތަޢާރަފްކުރި ޚިދުމަތަކީ ބޭންކާއި އާންމުނާއި ގުޅުވައިދިނުމަށް ކޮށިގެންދިޔަ ފަހިމަގެއްކަމަށެވެ. އެގޮތުން އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ހިމަނާ، އާންމުނަށް ވިއްކުމަށް 244 މިލިއަން ރުފިޔާގެ ހިއްސާ ހުށަހަޅާފައިވާކަން މުހައިމިން ފާހަގަކުރެއްވިއެވެ. އައިޕީއޯއަށް ކަނޑައަޅާފައިވާ ހިއްސާއަކީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސަތަކަން ފާހަގަކުރައްވާ މުހައިމިންވަނީ މިކަމުންވެސް ބޭންކުން ހިއްސާ ވިއްކުމަށްދޭ އަހަންމިއްޔަތުކަން ހާމަވާކަމަށެވެ.

"އިނިޝިއަލް ޕަބްލިކް އޮފަރިންގް އައިޕީއޯގެ ސަަބަބުން އެމްއައިބީ ފުރިހަމަވެއްޖެ. އަޅުގަނޑުމެން މިފަހަރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ހިމަނާ އާންމުނަށް ވިއްކުމަށް 244 މިލިއަން ރުފިޔާގެ ހިއްސާއެއް ވާނީ ހުށަހަޅާފައި. މިއީ ީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސަތަ" އެމްއައިބީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އަބުލް އިހްތިޝާމް އަބުލް މުހައިމިން ވިދާޅުވިއެވެ.

އެމްއައިބީގެ އައިޕީއޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ ބޭންކުތައް ހިންގުމުގައި ދެފުށްފެންނަ ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމްއައިބީއިން ފުރަތަމަ ފަހަރަށް އާންމުކޮށް ހިއްސާވިއްކުން ފެށުމަކީ މި މިސްރާބަށް އެޅި ބޮޑު ފިޔަވަޅެއްކަމުގައި މިނިސްޓަރ އަމީރު ސިފަކުރެއްވިއެވެ.

"މިއަދު އަޅުގަނޑު އެމްއައިބީއިން ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔަން. ބޭންކުތަށް ހިންގުމުގައި ދެފުއްފެންނަ ނިޒާމުގެ މުހިންމުކަމެއް. އެގޮތުން އެމްއައިބީއިން އައިޕީއޯ ލޯންޗުކުރުމާކީ މި މިސްރާބަށް އެޅި ބޮޑު ފިޔަވަޅެއް" ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން އިނީޝިއަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) ރަސްމީކޮށް ލޯންޗުކޮށްފައިވީނަމަވެސް، ހިއްސާ ވިއްކުމަށް ހުޅުވާލާނީ މިމަހުގެ 28 ވަަނަ ދުވަހުއެވެ. އެގޮތުން މި ފުރުސަތުގެ ދަށުން ހިއްސާ ގަތުމުގެ ފުރުސަތު 18 ސެޕްޓެމްބަރާއި ހަމައަށް ހުޅުވާލާފައިވާއިރު ހިއްސާއެއްގެ އަގަކީ 35 ރުފިޔާއެވެ. އަދި މިފުރުސަތުގެ ދަށުން އެންމެ މަދުވެގެން ގަނެވޭނީ 20 ހިއްސާކަމަށާއި އަދި މިއަދަދު 10 ހިއްސާއިން ބޭނުންވާ އަދަދަކަށް އިތުރުކުރެވޭނެކަމަށް އެމްއައިބީއިން މަޢުލޫމާތުދެއްވައެވެ. ހިއްސާ ގަތުމަށް އެމްއައިބީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށްގެން ހިއްސާ ގަނެވޭއިރު، އެމްއަބީގެ ބްރާންޗު ހުންނަ ކޮންމެ ރަށެއްގައިވެސް ހިއްސާ ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެމްއައިބީއިން މަޢުލޫމާތުދެއްވައެވެ.

2011 ވަނަ އަހަރު ރަޖިސްޓްރީކުރި މޯލްޑިވްސް އިސްލާމިކް ބޭންކަކީ، ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަމައެކަނި ބޭންކެވެ.