ކުޅިވަރު

ޓީޓީ އަންހެން ޑަބަލްސްއިން ރަން މެޑަލް އަދި ރިހި މެޑަލްވެސް ރާއްޖެއިން ކަށަވަރުކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ރަން މެޑަލް އަދި ރިހި މެޑަލް ރާއްޖެއަށް ލިބޭނެކަން ޔަޤީންވެއްޖެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލްއާއި ރިހި މެޑަލް ރާއްޖެއަށް ލިބޭނެކަން ޔަޤީންވީ، އަންހެން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ދެ ޓީމް ވާދަކުރަން ޖެހުމުންނެވެ. މިބައިގެ ފައިނަލްގައި ވާދަކުރާނީ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާރއެވެ.

ސެމީފައިނަލް މެޗްގައި ދިމާ އާއި ރަފާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޑަބަލްސް ޕެއާރއާއިއެވެ. ރަފާ އާއި ދިމާ މޮރިޝަންގެ އެއް ނަންބަރު ޕެއަރއާއި ވާދަކުރި ސެމީ ފައިނަލް މެޗްގެ ފުރަތަމަ ދެ ސެޓް ގެންދިޔައީ މޮރިޝަސްއިންނެވެ. އެއީ 11-2 އަދި 11-9 އިންނެވެ. ނަމަވެސް ރާއްޖޭގެ ދިމާއާއި ރަފާވަނީ ކުޅުން ރަގަނޅުކޮށް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށްފައެވެ.
11-7 އަދި 16-14 އިން ތިންވަނަ ސެޓްއާއި ހަތަރު ސެޓް ރަފާ އާއި ދިމާގެ ޕެއަރ ކާމިޔާބުކޮށް ފައިނަލްއަށް ދިއުމުގެ އުއްމީދު ވަރަށް ބޮޑަށް އާކުރިއެވެ. އަދި މެޗްގެ ފަސްވަނަ ސެޓް 12-10އިން ކާމިޔާބުކުރިއެވެ. މޮރިޝަސްގެ ޕެއަރއިން މެޗްގެ 6ވަނަ ސެޓް 11-7ކުން ކާމިޔާބުކޮށް ނަތީޖާ ނެރުމަށް އެންމެ ފަހު ސެޓްއަށް ގެންދިޔައެވެ. މެޗްގެ 7ވަނަ ސެޓް ރާއްޖޭގެ ޕެއަރ ރަފާއާއި ދިމާ ކާމިޔާބުކޮށް ފައިނަލްއިން ޖާގަހޯދީ 11-6ކުން މޮރިޝަސްގެ ޕެއަރ ބަލިކޮށްގެންނެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މުއީނާ މުހައްމަދު އާއި ޖުމާނާ ނިމާލް ކާމިޔާބުކޮށްފައިވަނީ ސީދާ ހަތަރު ސެޓުންނެވެ. ބެސްޓް އޮފް 7 އަށް ކުޅޭ ޑަބަލްސްބައިގެ މުއިނާ އާއި ޖުމާނާ މެޗް ކާމިޔާބުކޮށްފައިވަނީ މަޑަގަސްކަރާގެ ޕެއަރއާއި ވާދަކޮށްގެނެވެ. މިމެޗްގެ ސެޓްތައް މުއިނާ އާއި ޖުމާނާ ގެންދިޔައީ 11-5، 11-8، 11-7 އަދި 12-10 އިންނެވެ.