މުނިފޫހިފިލުވުން

"ސޮނިކް ދަ ހެޖްހޮގް" ޑިޒްނީގެ އެނިމޭޓެޓް ފިލްމްތަކާ ވާދަކޮށްލެވޭނެތަ؟


އެނިމޭޓެޓް ފިލްމްތައް އުފެއްދުމުގައި މިވަގުތު އެންމެ ކުރީގައި ޙަރަކާތްތެރިވަމުންދާ އެއް ބަޔަކީ ވޯލްޓް ޑިސްނީއޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.

ޢާއްމުންގެ މެދުގައި މަޤުބޫލު އެތައް ކާޓޫންތަކެއް ގެނެސްދީފައިވާ ޑިސްނީއިން އެ ކާޓޫންތަކުގެ ލައިވް އެކްޝަން ފިލްމްތައް ފުލުފުލުގައި ރިލީޒްކުރަމުންދާއިރު، މިއިން ކޮންމެ ފިލްމެއްވެސް ބޮކްސް އޮފީހުގައި ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ޑިޒްނީގެ ފިލްމެއްގެ ވާހަކައެއްނޫނެވެ. މިފަހަރު ދައްކަން މިއުޅެނީ ސެގާގެ މަޝްހޫރު ވީޑިއޯ ގޭމް ސީރިސް "ސޮނިކް ދަ ހެޖްހޮގް"ގެ ލައިވް އެކްޝަން ފިލްމުގެ ވާހަކައެވެ. 1991ވަނަ އަހަރު ނުކުތް ސޮނިކަކީ ވީޑިއޯ ގޭމްތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ގޭމެކެވެ. އެންމެފަހުން ސޮނިކުވެސް ގޭމުން ބޭރުވެ، ލައިވް އެކްޝަން ފިލްމަކުން އޯޑިއަންސްއާއި ބައްދަލުވުމަށް ތައްޔާރުވަމުންދާއިރު، މިފިލްމް ރިލީސްކުރާނެކަމަށް ފުރަތަމަ އާންމުކުރި ތާރީޚު މިވަނީ ފަސްކޮށްފައެވެ.

ޕެރެމައުންޓްގެ އެޑްވެންޗަރ ކޮމެޓީ ފިލްމް "ސޮނިކް ދަ ހެޖްހޮގް" އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމުގެ އޮފިޝަލް ޓްރެއިލަރ އާއްމުކުރި ހިސާބުން، ފޭނުންގެ ފަރާތުން ކުރިމަތިވި ބައެއްކަހަލަ ފާޑުކިއުންތަކުގެ ސަބަބުން މިހާރު މި ފިލްމް ރިލީޒްކުރާ ތާރީޚު މިވަނީ 2020ވަނަ އަހަރުގެ ފެބްރުއަރީމަހަށް ފަސްކޮށްފައެވެ. ސަބަބެއްކަމަށް ޕެރަމައުންޓުން ބުނެފައިވަނީ ފިލްމުގައި ފެނިގެންދާ ސޮނިކްގެ ކެރެކްޓަރ ރީ-ޑިޒައިންކުރަން ބޭނުންވާތީކަމަށެވެ.

ސޮނިކް ދަ ހެޖްހޮގުގައި ފެނިގެންދާ މެއިން ކެރެކްޓަރކަމަށްވާ ސޮނިކަށް އަޑުއަޅާފައިވަނީ އެމެރިކާގެ މަޝްހޫރު އެކްޓަރ ބެން ޝުވޯޓްސްއެވެ. މި ފިލްމުން ފެނިގެންދާ މެއިން ކާސްޓުންގެ ތެރޭގައި ޖޭމްސް މާސްޑެން، ޓީކާ ސަމްޕްޓަރ، އެޑަމް ޕެލީ އަދި ނީލް މެކްޑޮނޯރ ހިމެނެއެވެ. އަދި ގޭމުގައި އިވިލް ކެރެކްޓަރއެއްގެ ގޮތުގައި ފެނިގެންދާ ޑރ.އިވޯ ރޮބޮޓްނިކްގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ކޮމޭޑިއަން ޖިމް ކެރީއެވެ.

ސޮނިކްއަށް ލިބިފައިވާ ހާދަޔާ ޚިލާފު "ސުޕަރ-ސޮނިކް"ގެ ދުވެއްޔާއެކު ޑރ.އިވޯގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ޖެފް ފޯރލަރއެވެ.

ކޮންމެއަކަސް މި ފިލްމް ރިލީޒްކުރާ ތާރީޚު ފަސްވިއެއްކަމަކު، ޕެރެމައުންޓްގެ މި ފިލްމް ބަލާލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. "ސޮނިކް ދަ ހެޖްހޮގް" އަށް ޑިސްނީގެ ލައިވް އެކްޝަން ފިލްމްތަކާ އެއްހަމައެއްގައި ވާދަކޮށްލެވޭނެކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ. ފިލްމްގެ އޮފިޝަލް ޓްރެއިލަރއިންވެސް ހިތްގައިމު އެތައްކަމެއް ފެނިގެންދާއިރު، މިއީ 2020 ވަނަ އަހަރު ނުކުންނާނެ އެންމެ ވަރުގަދަ އެއް ފިލްމަށްވުން އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.