ވިޔަފާރި

ފެލިވަރު އަދި ކޫއްޑޫ މަސް ކާރުޙާނާގެ ކެޕޭސިޓީ އިތުރުކޮށް އަޕްގްރޭޑްކުރަނީ


ފެލިވަރު އަދި ކޫއްޑޫގައި ޤާއިމްކޮށްފައިވާ މިފްކޯގެ މަސް ކާރުޙާނާތަކުގެ ފެންވަރު ރަގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިނިސްޓަރ ޒަހާ ވިދާޅުވީ، ފެލިވަރު އަދި ކޫއްޑޫގައި ޤާއިމްކޮށްފައިވާ މަސް ކާރުޙާނާ އަޕްގްރޭޑް ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" މިހާރުވެސް އަޅުގަނޑުމެން މިދަނީ ފެލިވަރު އަދި ކޫއްޑޫގައި އިތުރު ފެސިލިޓީސްތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޕްރޮޖެކްޓްތައް އެކުލަވާލަމުން. މާ ލަސްތަކެއް ނުވެ އެކަންތައްތައްވެސް ވެގެންދާތަން ފެންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގަނޑުކުރި މަސް ރާއްޖެއިން ބޭރުކުރާ މިންވަރު މަދުކުރުން ކަމަށާއި ވެލިއު އެޑް ކުރެވިގެން މަހުގެ ބާވަތްތައް ރާއްޖެއިން ބޭރު ކުރެވޭނެ އިންތިޒާމްތަކެއް ހަަމަޖައްސަމުންދާ ކަމަށެވެ.

ފެލިވަރު މަސް ކާރުޙާނާ އަޕްގްރޭޑްކޮށް، އެ ކާރުޙާނާގައި މަސް ބަންދުކުރާ މިންވަރު އިތުުރުކުރުމަށް ކުރީ ސަރުކާރުގައިވެސް މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ފެކްޓްރީ އަޕްގްރޭޑްކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެފެކްޓަރީއަކީ ދުވާލެއްގެ މައްޗަށް 50 ޓަނު މަސް ބަންދުކުރުމުގެ ޤާބިލްކަން ހުރި ފެކްޓަރީއަކަށް ވަނީ ހަދާފައެވެ.