ޚަބަރު

ޖައްވީ އުޅަނދު އުދުއްސާލުމުން، ރާއްޖެއިން އިންޑިއާއަށް މަރުޙަބާ ކިޔައިފި


ހަނދުގެ ދިރާސާތައް ހެދުމަށް އިންޑިއާއިން ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދު ޗަންދްރަޔާން 2 އުދުއްސާލުމާއި ގުޅިގެން އިންޑިއާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

މިކަމާގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އުޅަނދު އުދުއްސާލުމުގެ ފަހަތުގައި ތިބި އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން، އިސްރޯގެ ސައިންސްވެރިންގެ މަސައްކަތް ވެގެންދާނީ މިފަދަ ދިރާސާތަކަށް ލިބުނު އިތުރު ކުރިއެރުމަކަށެވެ. އަދި އިންޑިއާއިން ޖައްވީ ހޯދުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކަކީ ޖައްވީ ދިރާސާތައް އިތުރަށް ފުޅާކޮށް، ތަރައްޤީކުރުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ. ހަމައެއާއިއެކު މިއީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރުވާނެ ކަމެއްކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ޗަންދްރަރަޔާން 2 އުދުއްސާލުމަށް ބޭނުންކޮށްފައިވަނީ ފަޒާއަށް ފޮނުވާ ބާވަތުގެ ބާރުގަދަ ހަތަރު ރޮކެޓްކަމަށް އިންޑިއާގެ ފަޒާއާބެހޭ އިދާރާ އިސްރޯ އިން ބުނެއެވެ. މިއުޅަނދު އަމާޒުކޮށްފައިވަނީ ހަނދުގެ ސައުތު ޕޯލްގައި ޖައްސައި ދިރާސާތަކެއް ކުރުމަށް ކަމަށާ، މިކަން ކާމިޔާބުވެއްޖެނަމަ ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖެއްސި އެންމެ ފުރަތަމަ ޤައުމަށް އިންޑިއާ ވެގެންދާނެކަމަށް އިސްރޯއިން ބުނެފައިވެއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ހަނދަށް އުޅަނދެއް ފޮނުވާފައިވަނީ 2008ވަނަ އަހަރުއެވެ. ޗަންދްރަޔާން އެކެއްގެ ނަމުގައި ފޮނުވާލި އެ އުޅަނދު ހަނދުގައި ޖެއްސުމުގައި ކާމިޔާބު ނުވިނަމަވެސް އޭގައިވާ ބާރުގަދަ ރާޑަރެއް ބޭނުންކޮށްގެން ހަނދުގައި ފެން ހުރިތޯ ބެލުންފަދަ ކަންކަން އެ އުޅަނދުން ކޮށްފައިވެއެވެ.