މުނިފޫހިފިލުވުން

މިފަހަރު ރިހާނާ ހައިރާންކޮށްލީ މި ކުއްޖާ


މަޝްހޫރު މީހުންނާ ވައްތަރު މީހަކު ނުވަތަ ކުއްޖަކު ފެނިއްޖެނަމަ، އެ މީހަކަށް ނުވަތަ އެ ކުއްޖަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދެއެވެ. މިފަހަރު މިއޮތީ އެފަދަ ކުއްޖެއްގެ ވާހަކައެވެ.

މިއުޒިކީ އުދަރެހުގައި އެންމެ މަތީގައި ފިޔަޖަހަމުންދާ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ވަނީ އޭނާއާއި ވައްތަރު ކުޑަ ކުއްޖެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އޭނާގެ ރަސްމީ ޓުވިޓަރ އެކައުންޓުން އަޕްލޯޑުކޮށްފައިވާ މި ފޮޓޯއާއެކު ކެޕްޝަނެއްގެ ގޮތުގައި އޭނާ ލިޔެފައިވަނީ "އޯލްމޯސްޓް ޑްރޮޕް މައި ފޯން... ހައު..؟" މި ފަދައިންނެވެ. މިއާއެކު މި ފޮޓޯއަށް ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

ރިހާނާގެ މި ޓުވިޓް އެތައް ބަޔަކު ރީ-ޓުއިޓްކޮށްފައިވާއިރު އޭނާގެ ފޭނުން ވަނީ މިއީ ރިހާނާގެ ބޭބީ-ފިލްޓަރ ވަރޝަންތޯ ސުވާލުވެސް އުފައްދާފައެވެ. ރިހާނާއާއި ވައްތަރުކަމަށް ބުނާ މީހުންގެ ފޮޓޯތައް މީގެކުރިންވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

ބަރބެޑޯސްއަށް އުފަން ރިހާނާއަކީ މިއުޒިކީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވާ އެންމެ މުއްސަނދި އަންހެން ފަންނާނެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ހަ ސަތޭކަ މިލިއަން ޑޮލަރަށްވުރެ އިތުރުކަމަށް މަޝްހޫރު ފޯބްސް މަޖައްލާއިން ބުނެއެވެ. އަނެއްކޮޅުން އެންމެ މުއްސަނދި އަންހެން މިއުޒިޝަންގެ ޝަރަފު ރިހާނާ ހޯދާފައިވަނީ މަޝްހޫރު އެތައް ބައެއް ފަހަތަށް ޖައްސާލުމަށްފަހުއެވެ. އޭގެ ތެރޭގައި މެޑޯނާ، ސެލިން ޑިއޯން އަދި ބިޔޯންސޭ ހިމެނެއެވެ.