ކުޅިވަރު

10000 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑް މަރިޔަމް އަބްދުލްކަރީމް އައުކޮށްފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 10000 މީޓަރު ދުވުމުގައި ވާދަކޮށް މަރިޔަމް އަބްދުލްކަރީމް (މަރީ) ޤައުމީ ރެކޯޑް އާކޮށްފިއެވެ.

މަރީ ޤައުމީ ރެކޯޑް އާކުރީ މިއަދު ކުރިއަށްދިޔަ 10000 މީޓަރު ދުވުން 42 މިނެޓު 44.80 ސިކުންތުން ނިންމައިގެންނެވެ. މީގެ ކުރިންވެސް 10000 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު އޮންނަނީ މަރިޔަމް އަބްދުލްކަރީމް އަތުގައެވެ. ކުރީގެ ޓައިމިންގ އަކީ 45 މިނެޓު 36.12 ސިކުންތެވެ.

އަންހެނުންގެ 10000 މީޓަރު ދުވުމާއި، 15،000 މީޓަރު، 20،000 މީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު އަދި ހާފް މެރެތަން ދުވުމުގެ ޤައުމީ ރެކޯޑުވެސް އޮންނަނީ އޭނާގެ އަތުގައެވެ. މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރެތަންގައިވެސް މަރީ ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.

މިއަދު ކުރިއަށްދިޔަ އެތްލެޓީކްސް އެހެން އިވެންޓްތަކަށް ބަލާއިރު 400 މީޓަރު ދުވުމުގައި ވާދަކޮށް މުޙައްމަދު ނާއިލް ދިޔައީ އޭނާ ދުވި ހީޓުގެ ފުލަށެވެ. ނާއިލް ރޭސް ނިންމީ 52.26 ސިކުންތުންނެވެ.