ކުޅިވަރު

ޔުއެފާ އެސިސްޓް މުބާރާތް: ސައުދީ އަތުން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފި


ޔުއެފާ އެސިސްޓް ފަނަރަ އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ސައުދި އަރަބީއްޔާ އާއި ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 6 ލަނޑު 0 ލަނޑުންނެވެ. މިމެޗުންވެސް ރާއްޖެ ބަލިވުމާއި އެކު އެއްމެޗު ބާކީ އޮވެ މިވަނީ ފައިނަލަށް ދިއުމުގެ ފުރުސަތު ބަންދުވެފައެވެ.

މުޅި މެޗުގެ ކުޅުމަށް ބަލާއިރު މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރީ ސައުދީ ޓީމުންނެވެ. ރާއްޖޭއިން މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކާ ސައުދީ ކުޅުންތެރިން ރާއްޖޭގެ އޭރިއާ ތެރޭގައި ހިފަހައްޓާފައިއެވެ. ސައުދީ ޓީމުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަވާދު އަބޫ ދަހާލްއެވެ. މިލަނޑާއި އެކު ރާއްޖޭއިން ކުޅުން ރަނގަޅުކޮށް ސައުދީ ޓީމަށް އިތުރު ފުރުސަތުތަކެއް ނުދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން 10 މިނެޓު ބާކީ އޮއްވާ ސައުދީ ޓީމުން ކައިރި ކައިރި ގިނަ ލަނޑު ތަކެއް ޖެހިއެވެ. އެގޮތުން ސައުދީގެ ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުﷲ އަލްއަމްރީއެވެ. އޭގެ ތިން މިނެޓު ފަހުން އަބުދުލް ސަލާމް އަލް ބަރްނާވީގެ ލަނޑަކާއި އެކު ރާއްޖޭގެ ކުޅުންތެރިން މަޔޫސް ކޮއްލިއެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮއްދިން އަހުމަދު އަލީ އަސިރީ ވަނީ ހާފު ނިމެން ކައިރިވެފައި އޮއްވާ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ސައުދީގެ 5 ވަނަ ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމު ބަދުރު ވަލީދު އަލްހަރްބީއެވެ. މިހާފު ނިންމާލީ ކައިރި ކައިރި ގިނަ ލަނޑުގެ ތަކެއް ވަދެ ރާއްޖޭ ޓީމު މާޔޫސް ކަންމަތީގައެވެ.

ދެވަނަ ހާފުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކިއެވެ. ރާއްޖޭގެ ފަޅީގައި މެޗުގެ ބޮޑުބައި ކުޅެވުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގައި ރާއްޖެއިން ކުރިއަށް އަރައި ލަނޑު ޖަހަން މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ އެދޭވޭ ގޮތެއްގައި ބޭނުން ނުކުރެވި ދިޔަ އިރު، ސައުދީ ޓީމަށް ވެސް މިހާފުގައި އިތުރު ލަނޑުތަކެއް ޖެހުމަށް ފުރުސަތު ތަކެއް ލިބުނެއެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ރާއްޖޭގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުނީ، ބައި ކޮޅަށް ގިނަ ލަނޑުތަކެއް ވަނުން ބަލައި ނުގަނެވޭ ކަމަށާއި ފުރަތަމަ ހާފުގައި ލަނޑުތަކެއް ގިނައިން ވަންނަން ޖެހުނީ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން އޮންނަން ޖެހޭ މިންވަރަށް ނެތުމުން ކަމަށެވެ.


މެޗާއި ގުޅޭ ގޮތުން ސައުދީ ޓީމުގެ ކޯޗު މުހައްމަދު އަމީން ބުނީ ޓީމުގެ ކުޅުން ވަރަށް ރަނގަޅު ކަމަށާއި، އިތުރު ކުޅުންތެރިންނަށް މެޗުގައި ދެން ތިބި ކުޅުންތެރިންނަށް ވެސް ބޮޑަށް ފުރުސަތު ދިނުމަށް ބަލައި އެގޮތަށް ކުރިއަށް ހުރި މެޗުތަކުގައި ވެސް ވިސްނާނެ ކަމަށެވެ.


މިމެޗާއި އެކު މުބާރާތުގައި ރާއްޖެ ފިޔަވައި ކޮންމެ ޓީމަކަށް ވެސް ތިން ޕޮއިންޓް ވަނީ ލިބިފައެވެ. ފައިނަލުން ފުރުސަތު ލިބޭ ޓީމެއް ކަށަވަރުވާނީ މާދަމާ ބޫޓާން އާއި ލެޓްވިއާ ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ރާއްޖޭ ޓީމަށް ފައިނަލުގެ ޖާގަ ގެއްލުނު އިރު ބާކީ އިތުރު އެއް މެޗު އެބަ އޮތެވެ.