މޮރީޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އޯޕަން ސިންގަލްސް ކެޓަގަރީގެ ކުއާޓަރ ފައިނަލަށް ރާއްޖޭގެ ތިން ކުޅުންތެރިއެއް ދަތުރުކޮށްފިއެވެ. އެއީ އަމިނަތު ނަބީހާ އަބްދުލް ރައްޒާގު، ފާތިމަތު ނަބާހާ އަބްދުލް ރަޒާގް އަދި ނީލާ ނަޖީބް އެވެ.
މިގޮތުން ނަބީހާ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ މިއަދު ކުޅުނު ސިންގަލްސް ފުރަތަމަ ބުރުގެ މެޗުގައި މޮރީޝަސްގެ ޖެމީމާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-15 އަދި 21-19 އިން ނެވެ.
ނަބާހާ ކުއާޓަރ އަށް ދަތުރުކުރީ މިއަދު ހެނދުނު ކުޅުނު މެޗުގައި ސީޝެލްސްގެ ޑިނިއެލެ ޖުޕިޓަރ ފަސޭހަކަމާއެކު ދެ ސެޓުން ބަލިކޮށްގެންނެވެ. އެއީ 21-12 އަދި 21-9 ނެވެ.
ނީލާ ނަޖީބް ފުރަތަމަ ބުރުގެ މެޗުގައި ބައްދަލުކުރީ ރިޔޫނިއަންގެ ޑިއެލާ އާއެވެ. މިމެޗު ނީލާ ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 17-21 ރިޔޫނިއަންގެ ކުޅުންތެރިއާ ގެންދިޔައިރު ޖެހިގެން އައި ދެސެޓު ނީލާ ކާމިޔާބުކުރީ 21-16، 21-13 އިން ނެވެ.
މީގެއިތުރުން އައިމިނަތު ޝަހުރުނާޒްވެސް ވަނީ ސިންގަލްސްގައި ކުޅެފައެވެ. އެހެންނަމަވެސް ޝަހުރުނާޒް ވަނީ ފުރަތަމަ ބުރުގެ މެޗުން ބަލިވެފައެވެ.
ސިންގަލްސް ކެޓަގަރީއިން ރާއްޖޭގެ ފިރިހެން އެއްވެސް ކުޅުންތެރިއަކަށް މުބާރާތުގެ ކުއާޓަރ އާއި ހިސާބަށް ދަތުރުކުރެވިފައެއް ނުވެއެވެ.
މިގޮތުން އިބްރާހިމް ޝާމިއު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިނަމަވެސް ދެވަނަ މެޗުން ބަލިވެ ވަނީ ކަޓާފައެވެ. އަދި އަހުމަދު ނިބާލް އާއި މުހައްމަދު އާކިފް އަދި މުހައްމަދު އަޖްފާން ރަޝީދުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެ ސިންގަލްސް އޯޕަން ކެޓަގަރީގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.
އޯޕަން ސިންގަލްސް ކުއާޓަރ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.