ޚަބަރު

ރައްޔިތުންގެ މަޖިލީހަށް ދީފައިވާނީ ތެދު މައުލޫމާތު - ބީއެމްއެލް


ރައްޔިތުންގެ މަޖިލީހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެއްވާފައިވަނީ އެ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތުކަމަށް ބީއެމްއެލުން ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަ އާ ގުޅޭ ގޮތުން އެބޭންކުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނިީ ބީއެމްއެލުން ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ބޭފުޅުން، އެ މަޖިލީހަށް މައުލޫމާތު ދެއްވާފައިވާނީ ބޭންކުގެ ރިކޯޑްތަކާ އެއް ގޮތަށް ތެދު މައުލޫމާތުކަމަށާއި އަދި މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައިވަނީ ވެސް ރެކޯޑްތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތުކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއާއެކު ނެރުއްވާފައިވާ މި ބަޔާނުގައި އެބޭންކުން ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކެއް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވިގެންދިޔަ ގޮތާއި ބެހޭ ގޮތުން އެ ބޭންކުގެ އިންޓަރނަލް އޮޑިޓުން ކުރިއަށް ގެންދިޔަ ތަހުގީގު ހިންގާފައިވަނީ ބޭންކުގައި ހުރި ރެކޯޑްތަކަށް ބަލައިގެންކަމަށެވެ.

އަދި 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހު، ޗެކް އިމޭޖިންގ އެންޑް ޓްރަންކޭޝަން ގެ ދަށުން ޗެކް ކްލިއަރެންސް ފެށުމާ ހަމަޔަށް، ބީއެމްއެލްގެ އެކައުންޓްތަކަށް ޖަމާކުރެވޭ އެހެން ބޭންކްތަކުގެ ޗެކްތައްވެސް އަދި ޗެކްތަކުގެ އިމޭޖް އަކީވެސް އެ ބޭންކުގެ ރެކޯޑްގައި ބެހެއްޓޭ އެއްޗެއް ނޫންކަމަށާއި، ބީއެމްއެލް ނޫން އެހެން ބޭންކެއްގެ ޗެކެއްގެ ކްލިއަރެންސް ފުރިހަމަވެ އަދި އެޗެކަކަށް ފައިސާ ދޫކުރާނީވެސް އެ ޗެކެއް ދޫކޮށްފައިވާ އެކައުންޓް ހުޅުވާފައިވާ ބޭންކަކުންކަމަށް މި ނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން އެ ޗެކްތަކުގެ ރެކޯޑްތައް ހުންނާނީވެސް އެ ބޭންކެއްގައިކަމަށާއި އެހެންކަމުން މި މައްސަލާގައި ހިމެނޭ އެފަދަ ޗެކްތަކުގެ ކޮޕީ ހޯދުމަށް ބީއެމްއެލުން އެހެން ބޭންކުތަކުގައި އެދިފައިވާކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ބޭންކުގައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ފަރާތުން މައުލޫމާތުދީފައިވަނިކޮށް، އެސްއޯއެފް އެކައުންޓަށް އެންޑޯސްކުރެވިގެން ޖަމާކުރެވުނު އެހެން ބޭންކްތަކުގެ ޗެކްތަކެއް ބީއެމްއެލްގެ ސަމާލުކަމަށް އައުމުން އިތުރަށް އެކަން މުތާލިއާކުރަން ފަށާފައިވާކަމަށް ބޭންކްއޮފް މޯލްޑިވްސްއިން ވިދާޅުވެއެވެ. އަދި 21 ޖުލައި 2019 ގައި ބީއެމްއެލުން ރައްޔިތުންގެ މަޖްލީހަށް ފޮނުވުނު ސީޓީގައި އެހެން ބޭންކުތަކުން އެ ޗެކްތަކާ ގުޅޭ މައުލޫމާތު ލިބުމުން ދިރާސާކުރުމަށްފަހު އިތުރު ތަފްސީލް ފޯރުކޮށްދެވޭނެ ވާހަކަ ދެންނެވިފައިވާނެ ކަމަށާއި، 23 ޖުލައި 2019 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި، ހާމަކުރެވިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ބޭންކުން މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައި ދެއްކި ވާހަކަތަކާއި ބޭންކުން މަޖިލީހަށް ހުށަހެޅުނު ސިޓީގައިވާ މައުލޫމާތުތައް މާނަ ކުރުމުގައި ތަފާތު ތަކެއް ހުރިކަމަށް އެބޭންކަށް ފާހަގަކުރެވިފައިވާކަމަށް ބީއެމްލްގެ ނޫސްބަޔާނުގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް އަދި މަޖްލީހަށް ފޮނުވި ސިޓީގައިވެސް އެއްވެސް ވަރަކަށް ބައުންސް ޗެކްތަކެއްގެ ވާހަކަ ބަޔާންކޮށްފައި ނުވާނެކަމަށާއި، އެމްއެމްޕީއާރުސީ ގެ މައްސަލާގައި ތަހުގީގީ އިދާރާތަކަށް މިހާރުވެސް ބީއެމްއެލް އިން ވަރަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވަނެކަމަށް ޤައުމީބޭންކުން ވިދާޅުވިއެވެ. މި މައުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފް އެކައުންޓުން ފައިސާ ޓްރާންސްފަރ ވެގެން ދިޔަ އެކައުންޓްތަކާއި ނަގުދު ފައިސާ ނަގާފައިވާ ފަރާތްތަކުގެ މައުލޫމާތުވެސް ހިމެނޭކަމަށް ބޭންކުން ފާހަގަކުރެއްވިއެެވެ.

އެމްއެމްޕީއާރުސީ ގެ ނަމުގައި ދޫކޮށްފައިވާ ޗެކްތަކާ ގުޅޭ ގޮތުން މާލީ ނިޒާމުގެ ތެރެއިން ހިންގިފައިވާ އެފަދަ މުޢާމަލާތްތައް ތަހްގީގުކޮށް، އެމްއެމްޕީއާރުސީގެ މައްސަލަ އަވަސް މިނެއްގައި ނިންމައި، އެކަމުގެ ހަގީގަތް ހާމަވެގެން ދިއުމަކީ ބީއެމްއެލުން އެދޭގޮތް ކަމަށް މި ނޫސްބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ދަށުން ރައްޔިތުންގެ މަޖިލިހުން އަދާކުރައްވަމުން ގެންދެވާ މުހިންމު މަސްއޫލިއްޔަތުތަކުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ޤައުމީ ބޭންކުން ވެސް ނުހަނު އިސްކަންދޭ ކަމެއްކަން ބޭންކުންވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލް އިން މިހެން ބުނެފައިމިވަނީ އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދެއްވި މައުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.