ޚަބަރު

ކާނިވާ ސަރަޙައްދަށް އުދަ އަރައިފި


ދިޔަވަރު ބޮޑުވި ވަގުތު ކާނިވާ ސަރަަޙައްދަށް އުދަ އަރައިފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ އުދަ އަރާފައިވަނީ މި ސަރަައްދަށް އެންމެ ދިޔަވަރު ބޮޑުވި ވަގުތު، މިއަދު ހަވީރު 4.30 ހާއިރުކަމަށެވެ. މާލެ ސަރަޙައްދަށް ދެން އެންމެ ދިޔަވަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ މިރޭ ފަތިހު ފަހެއް ޖަހާކަށްހާއިރުއެވެ.

ކާނިވާ ސަރަޙައްދަކީ ގިނަ އަދަދަކަށް ރެސްޓޯރަންޓާއި ކެފޭތަކާއި، އަދި އާއްމުންގެ ވެހިކަލްތައް ޕާކު ކޮށްފައި އޮންނަ ސަރަޙައްދެކެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެފައިވަނީ އިތުރު އެއްވެސް ރަށަކަށް އުދަ އަރައިގެން އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައި ނުވާކަމަށެވެ.

ވޭތުވެދިޔަ ހަފްތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވި ނަމަވެސް މިހާރުވަނީ މޫސުން ރަނގަޅުވާން ފަށާފައެވެ. މެޓް އޮފީހުން ވިދާޅުވެފައި ވަނީ އުތުރުގެ ބައެއް ހިސާބުތަކަށް ބައެއް ވަގުތުތަކުގައި ކެރީގެ އަސަރު ކުރިނަމަވެސް އާއްމު ގޮތެއްގައި މޫސުން ހުރިހާ ސަރަޙައްދަކަށްވެސް ރަނގަޅުވާނެ ކަމަށެވެ. އަދި ކަނޑުތަކާއި، ވައިވެސް މަޑުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.