ވިޔަފާރި

މިމަހުގެ ނިޔަލަށް ހުޅުމާލެ ބީޗު ހުސްނުކޮށްފިނަމަ، ބީޗުގައި ހުރި ތަންތަން ނަގަނީ


މިމަހުގެ ނިޔަލަށް ހުޅުމާލޭ ބީޗު ސަރަޙައްދުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން، އެތަންތަން ހުސްނުކޮށްފިނަމަ، އެޗް.ޑީ.ސީން ގޮސް އެތަންތަން ނަގާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ހުޅުމާލޭ ބީޗް ސަރަޙައްދު އެކި ބޭނުންތަކަށް ބޭނުންކުރާ ފަރާތްތަކުން އެތަންތަން ހުސްކުރުމަށް މިމަހުގެ ނިޔަލަށް އެޗް.ޑީ.ސީން ވަނީ މުހުލަތެއްވެސް ދީފައެވެ. އެތަންތަން ހުސްކުރުމަށް އެކުންފުނިން އަންގާފައިވަނީ މިމަސް ނިމުމުން ހުޅުމާލޭގެ ފުރަތަމަ ފޭސްއާއި ދެވަނަ ފޭސްގެ ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިޔުއެސްސީން ނިންމާފައިވާތީއެވެ. އަދި އެ މަސައްކަތް ކުރިއަށްދާނީ ބައެއް ފަރާތްތަކުން ކެފޭ ހިންގުމަށް މޭޒާއި ގޮނޑި ޖަހާފައިވާ ސަރަޙައްދު ހިމެނޭގޮތަށްކަމަށް އެޗްޑީސީން ބުނެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗް.ޑީ.ސީގެ އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް އައިއިރުވެސް އެއްވެސް ފަރާތަކުން ހުޅުމާލޭ ބީޗު ސަރަހައްދުގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓްތައް ހުސްކޮށްފައިނުވާކަމަށެވެ. އަދި މިމަހުގެ ނިޔަލަށް ހުސްނުކުރާ ތަންތަން، އެޗް.ޑީ.ސީން ހުސްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ބީޗުގައި މޭޒާއި ގޮނޑިޖަހައިގެން އެ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ހޯޓާ ރެސްޓޯރެންޓުގެ ވިޔަފާރިކުރަމުންދާތީ، އެތަންތަން ހުސްކުރުމަށް އެޗް.ޑީ.ސީން ވަނީ މިއަހަރުގެ ކުރީކޮޅުވެސް އަންގާފައެވެ. ފަހުން އެ މަސައްކަތް މަޑުޖައްސާލިނަމަވެސް، އެ ފަރާތްތަކާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އޯގަސްޓްމަހުގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ގުޅާލުމުގެ މަސައްކަތް ފަށާނެކަން ކުރިން އަންގާފައިވާނެކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ 15 މިލިއަން ޑޮލަރުގެ މަސައްކަތެކެވެ.