ވިޔަފާރި

ފެއަރ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތު ކެއަރ ކޮންގްރެސް ފަށައިފި

ފެއަރ މެޑިކަލް އިންޝުއަރެންސް އެންޑް ހެލްތު ކެއަރ ކޮންގްރެސް ފަށައިފިއެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ފެށި މި ކޮންގްރެސް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެވެ.

ފެޑަރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސްގެ މި ކޮންގްރެސް ރާއްޖޭގައި ބާއްވަނީ އެލައިޑާއި އެމް.އެމް.އޭ ގުޅިގެންނެވެ.

މި ކޮންގްރެސް ފަށްޓަވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖެއަކީ ސިއްހީ ހުރިހާ ޙިދުމަތްތައް ސޯޝަލް އިންޝުއަރެންސް ހެލްތު ކެއަރ ސްކީމްއަކުން ފޯރުކޮށްދޭ ޤައުމެއްކަމަށެވެ. މާލީ ފުދުންތެރިކަން ނެތް އާއިލާތަކަށް ރާއްޖެއިން ބޭރުންވެސް ސިއްހީ ފަރުވާ ހޯދުމަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވަނީ ސިއްޙީ ދާއިރާގެ ހެލްތު އިންޝުއަރެންސްގެ ޙިދުމަތް ފޯރުކޮށްދޭ ކުންފުނިތައް ރާއްޖޭގައި މަދުކަން ފާހަގަކުރައްވައި ގިނަ ކުންފުނިތަކަކުން މިދާއިރާއަށް ވަނުމަށް ގޮވާލައްވާފައެވެ. މީގެ ސަބަބުން ވާދަވެރިކަން އިތުރުވެ، ހެލްތު އިންޝުއަރެންސްގެ އަގުތައް ދަށްވެ ކޮންމެ ރައްޔިތަކަށްވެސް މި ޙިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ. 2 ދުވަހުގެ މި ކޮންގްރެސްގެ ސަބަބުން ޙިދުމަތް ފުޅާކޮށް ހަރުދަނާކުރާނެ ގޮތްތަކާއި، ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް އެނގިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މާދަމާގެ ނިޔަލަށް ކުރިޔަށްދާ މިކޮންފަރެންސްގައި ސިއްހީ ދާއިރާގެ ހިދުމަތުގައި ހަރަކާތްތެރިވާ އިލްމީ އަދި ފަންނީ ތަޖުރިބާކާރުންނާއި އިންޝުއަރަންސްގެ އަހުލުވެރިން ގިނަ އަދަދަކަށް ބައިވެރިވެފައިވެއެވެ.

"އަ ވަރލްޑް އޮފް އޮޕްޗިއުނިޓީޒް"ގެ ނަމުގައި ބާއްވާ މިކޮންފަރެންސަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިފަދަ ކޮންފަރެންސެވެ. މިކޮންފަރެންސްގެ އަމާޒަކީ ރާއްޖޭގެ ހެލްތު ކެއަރ ސިސްޓަމް އިތުރަށް މުއްސަނދި ކުރެވޭނެ އީޖާދީ ވިސްނުންތައްނެރެ، ޒަމާނީ ކުރިއެރުމާއި ހަމައަށް ވާސިލްވެވޭނެ މަގުތައް ހޯދުމެވެ.