ޚަބަރު

މިއަހަރުގެ މިހާތަނަށް 429 މީހުންނަށް ޒަކާތު ފަންޑުން ބެސްފަރުވާއަށް އެހީ ހަމަޖެހިއްޖެ


ފުއްދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާ ކުރުމަށް މިއަހަރުގެ މިހާތަނަށް ޒަކަތު ފަންޑުން ހަތަރު ސަތޭކަ އޮނަތިރީސް މީހުންނަށް އެހީ ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފަންޑުތައް އޮޑިޓް ކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން ޒަކާތުފަންޑުން ދެވޭ އެހީ މެދުކަނޑާލުމަށްފަހު، އަލުން އެޚިދުމަތް ދޭން ފަށާފައިވަނީ މިއހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހުއެވެ.

އިސްލާމިމކް މިނިސްޓްރީން ވިދާޅުވީ އެ ޚިދުމަތް އަލުން ދޭން ފެށުމާއެކު މިއަހަރުގެ ޖޫންމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އެހީއަށް އެދި 489ފޯމް ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން 429 މީހުންނަށް އެހީ ހަމަ ޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިހާތަނަށް ޒަކާތު ފަންޑުން، ހަތް ސަތޭކަ ތިރީސް މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާއަށް ވަނީ ޚަރަދު ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ 17 ބައްޔެއްގެ މައްސަލައަށް އެކި ސަބަބުތަކާ ހެދި އެހީ ހަމަނުޖެހި ފައިލް ކޮށްފައިވާކަމަށެވެ. މި މައްސަލަތަކުގެ ތެރޭގައި ކެންސަރުގެ 61 މައްސަލައާއި، ކިޑްނީ ގެ 48 މައްސަލައާއި، ލޮލުގެ 45 މައްސަލައާއި ނާރުގެ 16 މައްސަލައާއި، ސިކުނޑީގެ 12 މައްސަލައާއި، ކަށީގެ 26 މައްސަލައާއި މައިބަދައިގެ 12 މައްސަލައާއި އޯޓިޒަމްގެ 13 މައްސަލައާއި، ހަމުގެ ބަލީގެ 11 މައްސަލައާއި، ކުޑަކަމުދާ ނުވަތަ ބޮޑުކަމުދާ ބަލީގެ 15 މައްސަލައާއި ހިތުގެ ބަލީގެ 17 މައްސަލައާއި ޓިއުމަރގެ 5 މައްސަލައާއި މެޝިންފަދަ ތަކެތީގެ 3 މައްސަލައާއި ފިޓްޖެހުމުގެ 19 މައްސަލައާއި، އެނީމިއާގެ 5 މައްސަލައާއި އެހެނިހެން 52 މައްސަލައެވެ.
ތަފާތު ސަބަބުތަކާ ހުރެ ޒަކާތު ކޮމިޓީން ވަނީ ބޭސްފަރުވާގެ 07 މައްސަލައެއް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ދާދިފަހުންވަނީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެދޭ ފޯމަށް ބަދަލު ގެނެސްފައެވެ. މިގޮތުން މިހާރު ފޯމަށް ގެނައި ބަދަލުތަކާއެކު އިތުރު ތަފްސީލްތައް ހިމަނަން ޖެހެއެވެ. މިހާރު ފޯމާއެކު ބަލި މީހާގެ މާލީ ޙާލަތުތައް ވަރަށް ތަފްސީލްކޮށް ހުށަހަޅަން ޖެހޭނެއެވެ. ބަލި މީހާގެ ޢާއިލާއަށް މަހަކު ލިބޭ ޢާމްދަނީއާ، ބަލިމީހާއާއި ޢާއިލާއިން މަހަކުކުރާ ޚަރަދާއި މިހާތަނަށް ލިބިފައިވާ އެހީގެ ތަފްސީލާއި ބޭނުންވާ އެހީއާއި ފަރުވާ ހޯދަން ބޭނުންވާ ތަނުގެ މަޢުލޫމާތުވެސް މިހާރު ހުށަހަޅަން ޖެހޭނެއެވެ.

ޒަކާތު ފަންޑުން އެހީލިބޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓް ނުވެ، އާސަންދައިން ނުވަތަ އެނޫން ގޮތަކުން ވެސް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ތެރެއިން ބޭސްފަރުވާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އާސަންދައިން އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ނުފުދޭ ފަރާތްތަކާއި، ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަތޮޅުތެރޭގެ ރަށްތަކުން މާލެއަށް ގެންނަންޖެހޭ ބަލިމީހުންގެ އިތުރުން ރާއްޖެއިން ފަރުވާ ލިބެންނެތް ބަލިތަކަށް ބޭސްފަރުވާކުރުމަށް އެދޭ ފަރާތްތަށެވެ.