ޚަބަރު

ފުލުހުންގެ ވާޖިބު އަދާކުރާއިރު އެންމެންގެ ރުހުމާއި ލޯބި ނުލިބޭނެ - ހޯމް މިނިސްޓަރ


ފުލުހުންގެ ޤާނޫނީ ވާޖިބާއި ޒިންމާ އަދާކުރާއިރު އެންމެންގެ ރުހުމާއި ލޯބި ނުލިބޭނެކަން ދަނެގެން އެންމެ މަތިވެރި ޢަޚުލާގުގެ ރީތި ނަމޫނާދެއްކުމަށް ރާއްޖޭގެ ހުރިހާ ފުލުހުންނަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުންދަނިކޮށް ދުނިޔެ ދޫކޮށްފައިވާ ފުލުހުންގެ ހަނދާން އާކުރުމަށް ބާއްވާ "ޕޮލިސް މެމޯރިއަލް ޑޭ"ގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުންގެ ވާޖިބާއި ޒިންމާ އަދާކުރަމުންދާއިރު އެންމެންގެ ރުހުމާއި ލޯބި ނުލިބޭނެކަމަށެވެ. އަދި ޤާނޫނީ ވާޖިބު އަދާކުރާއިރު ބައެއް މީހުންގެ ނުރުހުމާއި ފުރައްސާރައާއި ކުރިމަތިވާނެކަމަށާ، އެފަދަ ވަގުތުތަކުގައި އަޚުލާގިއްޔަތުގެ އެންމެ މަތީ ދަރަޖަ ފުލުހުންގެ ފަރާތުން ދެއްކުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ޤާނޫނުތަކާއި އެއްގޮތަށް ސާބިތުވެ ތިބުމަށް މިނިސްޓަރ ވަނީ ހުރިހާ ފުލުހުންނަށް ގޮވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ދީނީ ޤައުމީ ބޮޑު ވާޖިބެއްކަމަށާ، ފުލުހުން އެކަމާ ކުރިމަތިލަނީ ކޮންމެފަދަ ކަމަކާ ދިމާވިނަމަވެސް އެކަމަކާ ފުރިހަމަގޮތުގައި ކުރިމަތިލެވޭނެ ހިތްވަރާއި ސާބިތުކަމާއެކު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންނަށް ދިމާވާ ކޮންމެ ކަމެއްގައި މުޅިޤައުމާއި ފުލުހުންގެ މުޅި މުއައްސަސާ އަބަދުވެސް އޮންނާނީ އެފުލުހަކާ އެފުލުހެއްގެ ޢާއިލާއާއިއެކުގައިކަމަށެވެ. އަދި ފުލުހުންގެ ޒިންމާ އަދާކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ އެއެއްބާރުލުމާއި އެހީތެރިކަން ފުލުހުންނަށް ދިނުމަށް ހުރިހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ޕޮލިސް މެމޯރިއަލް ޑޭއަކީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ދެމިހުއްޓާ ދުނިޔެ ދޫކޮށްފައިވާ ފުލުހުންނާއި ޢާއިލާއިންވި ގުރުބާނީގެ ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މިރަސްމިއްޔާތުގައިވަނީ ފުލުހުންގެ ވަޒީފާގައި ހުއްޓާ ނިޔާވި ފުލުހުންގެ ހަނދާނުގައި ޚާއްސަ ޑިޖިޓަލް ވޯލްއެއް އިފްތިތާޙުކޮށްފައެވެ.

މިވޯލްގައި ފުލުހުންގެ ޚިދުމަތުގައި ހުއްޓާ ނިޔާވި ފުލުހުންގެ މަޢުލޫމާތާއި ޤައުމަށްޓަކައިވީ ޤުރުބާނީގެ މަޢުލޫމާތު ފެންނަން ހުންނާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ ގިނަ އޮފިސަރުންނާއި ފުލުހުންގެ ވަޒީފާގައި ހުއްޓާ ނިޔާވި ފުލުހުންގެ ޢާއިލާތަކުންވަނީ ބައިވެރިވެފައެވެ.