ޚަބަރު

11 މިސްކިތެއް އޭސީ ކުރުމަށް 15 މިލިޔަން ރުފިޔާ!


ޢިއާދަކުރެނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 10 މިސްކިތެއްގައި އޭސީ ކުރުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިސްކިތްތައް އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 25 މިސްކިތެއް ހުށައެޅުމުން ރައީސް އޮފީހުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށްޓަކައި ހުއްދަދީފައިވާކަމަށާއި އެ މަސައްކަތައް 15 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައަޅާފައިވާކަމަށެވެ.

އަދި މި 10 މިސްކިތުގެ ތެރެއަށް އިސްލާމިކް މިނިސްޓްރީން އިތުރު މިސްކިތެއްގައި އެސީ ކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެސީ ކުރުމަށްޓަކައި މިސްކިތްތައް ކަނޑައަޅާފައިވަނީ އަތޮޅުތަކުގައި ހުރި މިސްކިތްތަކުގެ ތެރެއިން މިހާތަނަށް އެސީކޮށްފައިނުވާ މިސްކިތްތައް ފާހަގަކޮށްފައިކަމަށެވެ. މިސްކިތްތައް އެސީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފ.ދަރަނބޫދޫގެ މިސްކިތުގައި ވަނީ އެސީ ހަރުކޮށްފައެވެ.

އަދި ހއ.ބާރަށުގެ މިސްކިތުގައި އެސީ ހަރުކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި 9 ރަށެއްގެ މިސްކިތުގައި އެސީ ހަރުކުރުމަށްޓަކައި ބިޑިން ޕްރޮސެސްގައި އޮތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަސަތޭކައަށް ވުރެ ގިނަ މިސްކިތް ބިނާކޮށްފައިވާއިރު، މީގެތެރެއިން އޭސީކޮއްފައިވަނީ 218 މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ 2021ވަނަ އަހަރުގެ ކުރިން އިޢާދަކުރެނިވި ހަކަތަ ބޭނުންކޮއްގެން ރާއްޖޭގެ ހުރިހައި މިސްކިތެއް އޭސީކުރުމަކީ އެމިނިސްޓްރީގެ އަމާޒެއްކަމަށެވެ.