ސިޔާސީ

ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގަ ފުލުހުން ޤާނޫނާ ޚިލާފެއް ނުވޭ


ފެބުރުއަރީ މަހުގެ 23 ވަނަދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން ޤާނޫނާ ޚިލާފަށް އަމަލުކޮށްފައި ނުވާކަމަށް ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނުން ބުނެފިއެވެ.ދައުލަތުން ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ނަޝީދު ހާޒިރު ކުރުމުގެ ތެރޭގައި ފުލުހުން ޤާނޫނާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ނަޝީދު ހުށަހެޅި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، ރައީސް ނަޝީދު ޖަސްޓިސް ބިލްޑިންގަށް ވެއްދުމުގައި ފުލުހުން ޤާނޫނާ ޚިލާފަށް އަމަލުކޮށްފައި ވާކަން އެކޮމިޝަނުން ކުރި ތަޙްޤީގަށް އެނގެން ނެތްކަމަށެވެ.އެރިޕޯޓުގައި ބުނެފައިވަނީ ފެބުރުއަރީ އެދުވަހު ނަޝީދު ޖަސްޓިސް ބިލްޑިންގަށް ވަންނަ ދޮރާށި ކުރިމަތީގައި މަޑުކުރުމުން އެތެރެއަށް ވަނުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރުމުންވެސް ނަޝީދު އެކަމާ ދެކޮޅުހަދާފައި ވާކަން ފުލުހުންގެ ހެކިބަހުންނާއި، އެދުވަހު ނަގާފައިހުރި ވީޑިއޯ ރިކޯޑިންގް ތަކުން އެނގޭކަމަށެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ކިޔަމަންތެރި ކުރުމުގެ ބާރު ފުލުހުންގެ ޤާނޫނުން ލިބިދޭކަމަށާއި، އަދި އެހާލަތުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ ހާލަތާ އެކަށީގެންވާ ބާރެއްކަމަށް ތަހްޤީގަށް އެނގޭކަމަށް ޕީ.އައި.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.